ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމްއެއް މިއަދު ބަހައްޓައި ހިދުމަތް ފަށައިފި އެވެ.
ރުފިޔާ އޭޓީއެމް ބެހެއްޓީ ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގަ އެވެ. އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހެދީ ސްޓެލްކޯ ފްލެޓްތައް ކުރިމަތީގަ އެވެ.
އެ ހިދުމަތްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
"އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާ ވެސް ފަސޭހައިން މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒު ކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް ފަސޭހަ އަދި އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން،" ބީއެމްއެލްގެ އެމްޑީ ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ، ހުޅުމާލެ 1 ގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ބްރާންޗާއި ހަތަރު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތަކުންނާއި ހުޅުމާލެ 2 ގެ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މިހާރު ވެސް ހުޅުމާލޭގައި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދޭ ކަމަށެވެ. އަދި ބޭންކުން އަންނަނީ ހުޅުމާލެ 1 ގައި ހުންނަ ރެނާޓަސް އިތާ މުއި އިމާރާތުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދެމުން ކަން ވެސް ބީއެމްއެލް އިން ފާހަގަކުރި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 42 ބްރާންޗާއި 267 އޭޓީއެމް ބީއެމްއެެލުން ވަނީ ބަހައްޓައިފަ އެވެ.
އެ ބޭންކުން ބުނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ
މި ބާވަތްތައް އައިސް އަލަމާރިއަށް ލައިގެން ނުވާނެ!
އެމާގެ މި ހެދުން ހާއްސަވާ ސަބަބު ވަރަށް ތަފާތު!
