މާލޭގައި މަގުތައް ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ވަގުތާ މެދުގައި ރައްޔިތުން ހިޔާލު ހޯދުމުގެ މަސައްކަތް މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފަށައިފި އެވެ.

މާލޭގެ މަގުތައް ބަންދުކުރުމާ ގުޅޭ ގޮތުން ޑރ. މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތަށް މަގު ބަންދުކުރުމުގައި އާންމުންނަށް ކުރިމަތިވާ އުނދަގޫ އެންމެ ކުޑަކުރެވޭނެ ވަގުތެއް ޚިޔާރުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެއާއެކު ކޮންސްޓްރަކްޝަން މަސައްކަތަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ މުއިއްޒު ސުވާލުކުރެއްވި އެވެ.

މި ޓުވީޓްގައި ޑރ. މުއިއްޒު ވަނީ ހަތަރު ހިޔާލެއް ރައްޔިތުންނަށް ދޫކޮށްލާފަ އެވެ. އެއީ ރޭގަނޑު 11:00 އިން 7:00 އަށާއި، ހެނދުނު 6:00 އިން މެންދުރު ފަހު 2:00 އަށާއި، މެންދުރު 12:00 އާއި ރޭގަނޑު 8.00 އަށާއި، ކޮންމެ ވަގުތެއް ވެސް އޯކޭ ޚިޔާރެވެ.

ޑރ. މުއިއްޒުގެ ޓުވީޓުގައި ހުށަހަޅުއްވާފައިވާ ޚިޔާލުތަކުގެ ތެރެއިން ގިނަ ބަޔަކު އިޚުތިޔާރުކޮށްފައިވަނީ ރޭގަނޑު 11.00 އިން ފެށިގެން ހެނދުނު 7.00 އަށެވެ. އެގޮތުން މި ޕޯލްގައި މިހާތަނަށް ބައިވެރިވި 1،688 މީހުންގެ ތެރެއިން 76.5 ޕަސެންޓް މީހުން ބުނެފައި ވަނީ މާލޭގެ މަގުތައް ބަންދުކޮށްގެން މަސައްކަތްކުރަން އެންމެ އެކަށީގެންވާ ވަގުތަކީ ރޭގަނޑު 11.00 އިން ފެށިގެން ހެނދުނު 7.00 އަށް ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒަކީ މާލެ ސިޓީގެ މޭޔަރު ކަމަށް އެ ސިޓީގެ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ މޭޔަރެވެ.