ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް 2000 ރުފިޔާގެ އިނާޔަތެއް ދޭން ނިންމައި އެކަމަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފި އެވެ.

ތެލަސީމިއާ ސެންޓަރުން މިއަދު ވަނީ އެކަމާ ގުޅޭ ގަވައިދު އާންމުކޮށްފަ އެވެ.

ގަވައިދުގައިވާ ގޮތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުންގެ ތެރެއިން 2000 ރުފިޔާގެ އިނާޔަތް ދޫކުރާނީ ތެލަސީމިއާ ސެންޓަރުގައި ބަލަހައްޓަމުން އަންނަ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އެ ފައިސާ ދޭން ފަށާނީ އިނާޔަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ފަހު، އަންނަ މީލާދީ މަހުން ފެށިގެންނެވެ.

އަދި ކޮންމެ މީލާދީ މަހެއްގެ ދިހަވަނަ ކުރިން ތެލަސީމިއާ ބަލި މީހުންނަށް އިނާޔަތް ދޫކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ. ތެލަސީމިއާ ބަލިމީހުންނަށް އިނާޔަތް ދޫކުރާނީ އެންސްޕާއިންނެވެ.

ތެލަސީމިއާއަށް އިތުރަށް ފަރުވާކުރަން ނުޖެހޭ ކަމަށް ތެލަސީމިއާ ސެންޓަރުން ކަނޑައަޅާ ހިސާބުންނާއި، އިނާޔަތް ބޭނުންނުވާ ކަމަށް ބަލިމީހާ ލިއުމުން އެދުމުން، ނުވަތަ ބަލިމީހާ ނިޔާވުމުން ތެލަސީމިއާ ބަލިމީހުންނަށް ދޭ އިނާޔަތް ކަނޑާލެވޭނެ ކަމަށްވެސް ގަވައިދުގައި ވެ އެވެ.

މޯލްޑިވްސް ބްލަޑް ސާވިސްގެ މައުލޫމާތަށް ބަލާއިރު، 2024 ވަނަ އަހަރު ނިމުނު އިރު 669 ފަރާތަކުން ތެލެސީމިއާއަށް ފަރުވާ ހޯދަމުން ދިޔަ އެވެ. 328 ކުދިން މާލެ ސަރަހައްދުން ފަރުވާ ހޯދިއިރު، 341 ކުދިންނަށް ހިދުމަތް ހޯދަމުން ގެންދިޔައީ އަތޮޅު ތެރޭގަ އެވެ. އެ އަހަރު 18 ޕޭޝަންޓުން އަލަށް ރަޖިސްޓްރީ ކުރި އިރު، 5 ކުއްޖަކު ނިޔާވި ކަމަށްވެސް އެ ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.