ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން 400 ގޮނޑި އަދި ޕީޕީއެމް އިން 325 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ 975 ގޮނޑިއަކަށް މީހުން އިންތިހާބުކޮށްފައިވާ ކަަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކިރާ ކޮމެޓީތަކުގެ އިންތިޚާބުގައި 905 މަގާމަކަށް މީހުން އިންތިހާބުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީން ވާދަކުރީ 804 ގޮނޑިއަށެވެ. ކާމިޔާބު ކިރެވުނީ 400 ގޮނޑި އެވެ. އަދި ޕީޕީއެމް އިން ވާދަކުރީ 646 ގޮނޑި އަށެވެ. އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 325 ގޮނޑި އެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީން 115 މަގާމަށް ވާދަކޮށްގެން ކާމިޔާބުކުރެވުނީ 23 ގޮނޑި ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އަދާލަތު ޕާޓީން 28 ގޮނޑިއަކަށް ވާދަކޮށް 11 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، އެމްޑީއޭ އިން 20 ކެނޑިޑޭޓުން ނެރެގެން 16 ގޮނޑި ވަނީ ކާމިޔާބުކޮށްފައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވިގޮތުގައި އަމިއްލަ ގޮތުން މި އިންތިހާބުގައި ކުރިމަތިލާފައިވަނި 600 މީހުންނެވެ. އޭގެ ތެރެއިން 173 މީހުން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބުން އެމްޑީޕީއަށް 43 ޕަސެންޓް އަދި ޕީޕީއެމަށް 34.9 ޕަސެންޓް ލިބިފައިވާ ކަމަށެވެ. އަދި އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް 18 ޕަސެންޓް ލިބިފައިވެ އެވެ.

މި އިންތިހާބުގައި އެމްޑީޕީން ވަނީ ތިން ސިޓީގެ މޭޔަރުކަން ހޯދައިފައެވެ. އެއީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއެވެ. އޭގެ އިތުރުން ސިޓީ ކައުންސިލްގެ 18 ގޮނޑި އާއި އަތޮޅު ކައުންސިލް ރައީސްގެ 11 ގޮނޑިވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރި އެވެ.

އެމްޑީޕީގެ 155 ކެންޑިޑޭޓަކު ކައުންސިލް މެންބަރު ކަމަށް އިންތިހާބުވެފައިވާއިރު، އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކުން 142 ގޮނޑި އެ ޕާޓީން ކާމިޔާބު ކުރި އެވެ. އަދި 71 ރަށު ކައުންސިލެއްގެ މެޖޯރިޓީ އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.

މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރީ ޕީޕީއެމް އިންނެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ 16 ގޮނޑި ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފައެވެ. އަތޮޅު ކައުންސިލް ރައީސްގެ ހަތް ގޮނޑި އާއި 51 ރަށެއްގެ ކައުންސިލްގެ ރައީސްކަންވެސް ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ކައުންސިލް މެމްބަރުންގެ 121 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ 139 ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ. ޕީޕީއެމަށް މެޖޯރިޓީ ލިބުނީ 64 ކައުންސިލެއްގެ އެވެ.

ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ސިޓީ ކައުންސިލްގެ އެއް ގޮނޑި އެވެ. އަދި ތިން ރަށު ކައުންސިލެއްގެ ރައީސްކަމާއި ކައުންސިލް މެމްބަރުކަމުގެ ހަތް ގޮނޑި އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ 15 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީން ވަނީ ތިން ރަށެއްގެ ކައުންސިލްގެ މެޖޯރިޓީ ހޯދާފަ އެވެ.

އެމްޑީއޭ އިން ރަށު ކައުންސިލް ރައީސްގެ ތިން ގޮނޑިއަކާއި ކައުންސިލް މެމްބަރުންގެ ފަސް ގޮނޑިއެއް އަދި އަންހެނުންނަށް ޚާއްސަކޮށްފައިވާ އަށް ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފަ އެވެ.

މީގެއިތުރުން އަދާލަތު ޕާޓީން ރަށު ކައުންސިލް ރައީސްގެ ތިން ގޮނޑިއަކާއި ކައުންސިލް މެމްބަރު ކަމުގެ ފަސް ގޮނޑިއަކާއި އަންހެނުންނަށް ޚާއްސަކޮށްފައިވާ ފަސް ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.

އެމްއާރްއެމް އަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ.

އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ސިޓީ ކައުންސިލްތަކުން ތިން ގޮނޑި ކާމިޔާބު ކުރި އެވެ. އަދި ރަށު ކައުންސިލުގެ ރައީސްގެ 36 ގޮނޑިއަކާއި ކައުންސިލް މެމްބަރުކަމުގެ 71 ގޮނޑި އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ 62 ގޮނޑިއެއް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ކާމިޔާބު ކުރި އެވެ. އެހެންކަމުން 31 ރަށު ކައުންސިލެއްގެ މެޖޯރިޓީ ލިބުނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށެވެ.