މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވުމަށް ވުރެ އޭގެން ނުކުންނާނޭ ބޮޑެތި ގޯސްތަކެއް ފެންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައިވާއިރު، ޗުއްޓީގައި މިހާރު އޮތް މަޖިލީހުން ވަނީ ޖަލްސާއެއް އެޖެންޑާއެއްކޮށްފަ އެވެ. އެ ޖަލްސާގެ އެޖެންޑާގައި ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން ތިން ބިލެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.
އޭގެ ތެރެއިން އެއް އިސްލާހަކީ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް ހުށަހެޅުއްވި މައި ދެ އިންތިޚާބު އެއްކޮށްލުމަށް ހުށަހެޅުއްވި އިސްލާހު ހިމެނެ އެވެ. ފަލާހު ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އަދި ފަލާހު ހުށަހެޅުއްވި އިސްލާހުގައި ވަނީ އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށެވެ.
އެ ބަދަލާއެކު 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، 21ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ. އަދި މިހާރު ހިނގާ 20ވަނަ މަޖިލިސް އެ ދުވަހު އުވޭނެއެވެ.
އެ ބިލާ ގުޅޭ ގޮތުން ޕީއެންއެފް ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ބައެއް ސިޔާސީ ލީޑަރުން އެކަމަށް އަތް ޖެއްސެވި ނަމަވެސް، އެ ބަދަލު ގެނައުމުގެ ހިކުމަތެއް އެ މަނިކުފާނަށް ނުވިސްނޭ ކަމަށެވެ. އެގޮތުން ރައީސާއި މަޖިލީހަކީ އެކަކު އަނެކަކު މައްޗަށް ފާރަވެރިވާ ދެ ބާރުކަން ފާހަގަކުރެއްވި އެވެ.
"ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވުމަަށް، އެ މީހުންގެ މައިގަނޑު މެންޑޭޓަކީ. ދެން ބަޖެޓް ފާސްކޮށްދިނުމާއި ގާނޫނު ހެދުމާ އޮވެދާނެ އެކަމަކު އެ މީހުންގެ އެންމެ ބޮޑު ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސް ހޮވުމަށް ފަހު، ތިން ހަތަރު މަސް ފަހުން މަޖިލިސް އިންތިޚާބު ބާއްވާއިރު، ރައީސްގެ މަސައްކަތްތަަކަށް ބަލައި އެ ޕާޓީއަކަށް ވޯޓު ދޭން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
"އެކަމަކު މި ދެ ކަންތައް އެއްކޮށްލާފަ، ދެ ކަންތައް އެއް ފަހަރާ ކުރީމަ ރައީސް ކަންތައް ކުރާ ގޮތެއް ބަލައި، ފާރަވެރިވާނެ މަޖިލީހެއް ނޫން މި ހޮވެނީކީ، އެހެންވީމަ އަޅުގަނޑަކަށް ނުވިސްނޭ މީގައި ހިކުމަތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ދެ އިންތިޚާބު އެއްކުރަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލާއެކު ރައްޔިތުންގެ މާ ބޮޑު މަސްލަހަތެއް ގެއްލޭ ކަމަށެވެ.
ޔާމީން ވިދާޅުވީ ޚަރަަދަށް ބެލުމަށް ވުރެ، ރައްޔިތުންގެ މާ ބޮޑު މަސްލަހަަތެއް މި މިކަމުގައި ފުށޫއަރައިގެން ގެއްލިގެން އެބަ ދާ ކަމަށާއި އެހެންވީމަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރައިސޫލްޖުމްހޫރިއްޔާ އިންތިޚާބާ އެއްކޮށްލުމުގައި ބޮޑެތި ގޯސްތައް ފެންނަ ކަމަށެވެ.
ދައުރުން ބޭރު ޖަލްސާތައް ބޮއިކޮޓްކުރަން އެމްޑީޕީން ނިންމައިފި
ރަންބީރުއާއި ރަހާގެ ލޯބި ފޮޓޯއެއް!