އެމެރިކާއިން ހަމަލާދީ އެކަން "ޓެސްޓް" ކޮށްލަން ބޭނުންވާނަމަ އީރާނުން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.

އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި އާއްމުން މަރަމުން ގެންދާކަމަށް ބުނެ އެމެރިކާއިން ދަނީ ތަކުރާރުކޮށް އީރާނަށް ހަމަލާ ދޭން ޖެހިދާނެކަމުގެ އިންޒާރު ދެމުންނެވެ.

އެގޮތުން އާދިއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ހަމަނުޖެހުންތަކާއި ގުޅިގެން އެމެރިކާއިން އަސްކަރީ ވަރުގަދަ ހަމަލާއެއް ދިނުމަށް ވިސްނަވަމުން ގެންދަވާކަމަށް ވިދާޅުވެފަ އެވެ.

މިކަމަށް ރައްދު ދެއްވަމުން އީރާންގެ ފޮރިން މިނިސްޓަރު އައްބާސް ހޯމަ ދުވަހު ވިދާޅުވީ މުޒާހަރާތަކާއި ގުޅިގެން އީރާނުން އެމެރިކާއާއެކު މަޝްވަރާ ކުރަން ތައްޔާރު ކަމަށާއި އަދި ހަނގުރާމައެއް ކުރަން ބޭނުން ނުވި ނަމަވެސް، އެމެރިކާއިން ހަމަލާދީފިނަމަ އީރާނުން ހަމަލާދޭން ތައްޔާރަށް އޮތް ކަމަށެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އައްބާސް ވިދާޅުވީ ހުރިހާ އޮޕްޝަން އަކަށްވެސް އީރާނުން ތައްޔާރަށް އޮތް ކަމަށެވެ. އަދި ކުރިއަށްވުރެން އަސްކަރީ ގޮތުންވެސް އީރާން މިހާރު ވަރުގަދަ ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެމެރިކާއިން ހަނގުރާމައަކަށް ގޮސް "ޓެސްޓް" ކޮށްލަން ބޭނުންވާނަމަ އެކަމަށްވެސް ތައްޔާރު ކަމަށާއި ނަމަވެސް އެމެރިކާއިން ނިންމާނީ މަޝްވަރާއަށް ދިއުމަށްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އީރާނުގައި ފައިސާގެ އަގު ދައްވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއި ގުޅިގެން އެ ކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަހައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިއީ 1979ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ.

އެމެރިކާއިން އީރާނުގެ ދާހިލީ ކަންކަމަށް ބާރުފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އީރާނުން ތުހުމަތުކޮށްފައިވެ އެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ބޭނުންކޮށްގެން ކަންތައްތަކެއް ހާސިލް ކުރުމަށް ބޭރުގެ ގައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މުޒާހަރާތަކުގައި މީހުން މަރުވަނީ ވެސް އެމެރިކާއިން މައްސަލައިގެ ތެރެއަށް ވަނުމުން ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.