ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ލަސްވަނީ ދަރިވަރުން ލިޔެކިޔުން ހަމަނުކުރާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ފައިސާ ދޫނުކުރެވި ލަސްވާ މައިގަނޑު ސަބަބަކީ މިނިސްޓްރީއަށް ބޭނުންވާ ބައެއް ލިޔުންތައް ދަރިވަރުންގެ ފަރާތުން ނުލިބުމުން ކަމަށެވެ.

މިކަމާއި ގުޅިގެން ހައިދަރު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު 75 ޕަސަންޓަށްވުރެ ގިނަ ދަރިވަރުންނަށް އެ ފައިސާ ދޭން އޮންނަ މުއްދަތުގައި ފައިސާ ދެވިފައިވާ ކަމަށެވެ.

ބައެއް ދަރިވަރުން ފޮނުވަން ޖެހޭ ލިޔުންތައް ނުފޮނުވުމުގެ ސަބަބުން ފައިސާ ދޫކުރުން އަށް ހަފްތާއަށް ދިގުލައިގެން ގޮސްފައި އެބަހުރި ކަމަށާއި އުސޫލުން ބޭރުން އެއްވެސް ދަރިވަރަކަށް ފައިސާ ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރު މިހާރު ވެސް ކިޔަވަމުން ދޭތޯއާއި ފޯރުކޮށްދިން މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެނަމަވެސް ފައިސާ ފޮނުވުން ލަސްވާކަމަށް ހައިދަރު ވިދާޅުވި އެވެ.

އޭގެ އިތުރަށް، ފައިސާ ފޮނުވަން ހަފުތާއަކަށް ވެފައި އޮތް ދަރިވަރުން ފޯމު ހުށަހަޅާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، ބައެއް ފަހަރަށް ލަސްވާކަން ފާހަގަކުރައްވައި، ހައިދަރު ވަނީ ވީ އެންމެ އަވަހަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

މިދިޔަ އަހަރުވެސް އެކި ފަހަރުމަތިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދިނުން ލަސްވެ، ދަރިވަރުންނާއި އާއިލާތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ހަޔާ އެޑިކޭޝަން މިނިސްޓްރީއަށް އެކަމާއި ގުޅިގެން ފޮނުވާ މެއިލްތަކާއި ފޯންކޯލްތަކަށް ޖަވާބު ނުދޭކަމަށް ވެސް ގިނަ ދަރިވަރުން ވަނީ މީގެ ކުރިން ބުނެފަ އެވެ.