އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީން އެގޮތަށް ނިންމީ މިއަދު ބޭއި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
ގާސިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ބަހުސް ކުރެއްވުމަށް ފަހު، 18 މެމްބަރުންގެ ވޯޓުން ފާސްކުރީ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު "ހުރިހާ" އަށް ވިދާޅުވި އެވެ.
ހުރިހާ އާ ވާހަކަދެއްކެވި ޖޭޕީގެ ބޭފުޅަކު ވިދާޅުވީ މިއަދު ބޭއްވި ޖޭޕީގެ ކައުންސިލްގެ އެ ބައްދަލުވުމުގައި 30 މެމްބަރަކު ވަޑައިގެންނެވިއިރު، އޭގެ ތެރެއިން 12 މެމްބަރަކު ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ބޭނުން ނުވާ ކަމަަށް ވޯޓު ދެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ޖޭޕީން ވަކިން މި އިންތިހާބުގައި ވާދަކުރަން ވެސް ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެ ކަމަކަށް ތާއީދު ލިބިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ މި ކައުންސިލް ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވި ގާސިމް އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ ކަމަށެވެ.
އެ ނިންމުންތަކާ އެކު، މި ފަހަރުގެ ކައުންސިލް އިންތިހާބުގައި ޖޭޕީން ކެންޑިޑޭޓުން ނެރޭނީ އެ ޕާޓީގެ ލީޑަރު ގާސިމްގެ ދާއިރާ މާމިގިލި ދާއިރާ އަށް ކަމަށް ވެސް މިއަދު ފާސްކުރި އެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ތާއިދުކުރަން ޖޭޕީން ނިންމިއަސް، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާށެވެ.
ނަމަވެސް، ރައީސް މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، ގާސިމް ގެންދަވަނީ މި ސަރުކާރުގެ ހުރިހާ ކަމަކަށް ވެސް ތާއީދު ކުރައްވައި، ސަރުކާރާ އެކު ހުންނެވިކަން ހާމަކުރައްވަމުންނެވެ.
ޖަގަހަ ހުޅުވަން ވެސް ސަރުކާރު މުވައްޒަފުން ގެންދިޔަ!
ވިލިމާލޭގެ ހޮސްޕިޓަލް މަސައްކަތް ފަށަން ސޮއިކޮށްފި
ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ޝާކިރު