ކުޑަކުދިން ބޭނުންކޮށްގެން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ދެވޭނެ އެންމެ ބޮޑު އަދަބު ހޯދައިދިނުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެ އެވެ.
ސީޕީ މިފަދައިން ވިދާޅުވީ، ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލައި، އެ ކުއްޖާގެ ނާޖާއިޒު ފައިދާ ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދަނޑިވަޅެއްގައި ސޯޝަލް މީޑަަިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ސީޕީ ނަވީން ހާމަކުރެއްވި ގޮތުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެކުދިންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުން އެންމެ އިސްކަންދޭންޖެހޭ އެއް ކަންތަކެވެ.
މީގެ އިތުރުން ކުޑަކުދިން ކުށްތަކަށް ހުށަހަޅައި، އެކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފަރާތްތަކާ މެދު އެއްވެސް އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅައި، އެފަދަ މީހުންނަށް ހައްގު އަދަބު ދިނުމަށް ފުލުހުންގެ ހިދުމަތުން ފަސްނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމާއި، އެއީ އެންމެންގެ އިޖުތިމާއީ ޒިންމާއެއް ކަން ނަވީން ފާހަގަކުރެއްވި އެވެ.
އޭނާ ވަނީ، ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް، ނުވަތަ ގައުމީ އެމަޖެންސީ ހޮޓްލައިން 911 އަށް ގުޅައި އެ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ.
ފުލުހުން އިއްޔެ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލައި ކުށްކުރުވިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި، ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ.
ކޯޓާ ހަވާލާދީ ފުލުހުން ބުނީ، ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ކުށުގެ ވެށީގައި ކުށުގެ ރެކޯޑު އޮންނަ މީހުންނާ އެކީ ހަރަކާތްތެރިވާ 300އެއްހާ ކުދިންގެ މައުލޫމާތު އެއްކުރެވި ލިސްޓުކުރެވިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
އެގޮތުން މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ކުދިންގެ ބެލެނިވެރިންނާ ގުޅިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކުޑަކުދިން ގްރޫމްކޮށްގެން މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ޖިންސީ ގޯނާގެ އަމަލުތަކުގައި ބައިވެރިކުރުވާ މީހުން ހޯދައި، އެފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މިފަދަ ކުށްތައް ހިންގާ މީހުން ދެނެގަނެ، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ކަށަވަރުކުރުމަށް ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގުދުރަތީ ގޮތުން ވެސް ބުމަ ރީތި ކުރެވިދާނެ!