ވޯޓަކާ ނުލައި މިހާރު ވެސް ކައުންސިލްތަކުގެ ހަތް ޕަސެންޓު ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާ ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ޕީއެންސީގެ އައްޑޫ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ވޯޓުލުމުގެ ކުރިން ވެސް ވެރިކަންކުރާ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އާއި ޕީއެންސީއަށް ރައްޔިތުންގެ އޮތް ތާއީދު ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ކެންޑިޑޭޓުންގެ ތަފްސީލު

މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް 681 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މީހުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. ޕީއެންސީގެ ޓިކެޓުގައި ކައުންސިލް ގޮނޑިތަކަށް 665 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ކޮމެޓީތަކަށް 658 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

"މި އިންތިހާބުގައި، އިންތިހާބަކާ ނުލައި އެތައް ގޮނޑިއެއް ވަނީ ﷲގެ ރަހުމަތްފުޅުން ކާމިޔާބު ވެފައި. ގާތްގަނޑަކަށް މިހާރު ވެސް ހަތް ޕަސެންޓު ގޮނޑި ކާމިޔާބު ކުރެވިއްޖެ، ހަތް ޕަސެންޓު، އިންތިހާބަކާ ނުލައި،" ފަލާހު ވިދާޅުވި އެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން އިތުބާރު ކުރާކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބަކާ ނުލައި ގޮނޑިތައް ކާމިޔާބުވެފައި މިވަނީ، ބައެއް ދާއިރާތަކަށް އެހެން ޕާޓީތަކުން ނުވަތަ އަމިއްލަ ގޮތުން ކެންޑިޑޭޓުން ކުރިމަތިލާފައި ނުވުމުންނެވެ. ޕީއެންސީން މިހާރު ދަނީ މުޅި ރާއްޖޭގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ފަލާހު މިހެން ވިދާޅުވިޔަސް ބައެއް ކައުންސިލްތަކަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންނަށް ފައިސާ ދީގެންނާއި ބޮޑެތި ސިޔާސީ މަގާމްތައް ދީގެން ޕީއެންސީން ނަން އަނބުރާ ނަގުވާފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.