ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ މާލެ އިން ހުޅުމާލެއަށް ދާ ފަޅީގައި ރޭ ދަންވަރު 12:24 ހާއިރު ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ފަހަތުން އައި އެހެން ކާރެއް ޖެހި، ކާރު ސައިކަލު ލޭނަށް އެނބުރިގެން ކަމަށެވެ.

އެ ވަގުތު ސައިކަލު ލޭނުން ދުއްވާފައި ދިޔަ ހަތަރު ސައިކަލެއް ކާރުގައި ޖެހި އެކްސިޑެންޓުވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދަންވަރު 12:24 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދެން އަނިޔާވީ އުމުރުން 23 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވެ އެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އެއް ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުންވެ، އަނެއް ކާރުގެ ކުރީކޮޅު އެއްކޮށް ވަނީ ހަލާކުވެފަ އެވެ.