ބަރަކާތްތެރި ރަމަޟާން މަހަކީ ދިވެހިންގެ ދީނީ އަދި އިޖުތިމާޢީ ޙަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ މޫސުމެކެވެ. އިސްލާމީ ހިދާޔަތުން ދިވެހި އުންމަތް އަލިވެގެން އައި ދުވަހުން ފެށިގެން، ރޯދަމަހަށް މަރުޙަބާ ކިޔުމަށް ދިވެހިން ކުރަމުން އައި ތައްޔާރީތަކަކީ ވަރަށް ޚާއްޞަ، އަދި އެހާމެ ފުރިހަމަ ސަގާފީ ސިފަތަކެއް އެކުލެވިގެންވާ ކަންކަމެވެ.
ތާރީޚީ ގޮތުން ބަލާއިރު، ރޯދަމަހަށް ތައްޔާރުވުމުގެ އެންމެ އިސް ކަމަކީ ގޯތިގެދޮރާއި މިސްކިތްތައް ސާފުތާހިރު ކުރުމެވެ. މީގެ އަހަރުތަކެއް ކުރިން، ރޯދަމަހަށް ހަނދު ބެލުމުގެ ދެތިން ހަފުތާ ކުރިން ގޭގޭގެ ފާރުތަކުގައި އުވަލައި، ގޯތިތެރޭގައި އޮންނަ ދޮންވެލިގަނޑު އާ ކުރުމަކީ އާދައެކެވެ. ގޭގައި ގެންގުޅޭ ކާބޯތަކެތި އަޅާ ތަށިތަކާއި ކެއްކުމަށް ބޭނުންކުރާ ތެލިތައް އޮފުއަރުވައި ސާފުކުރުމަކީ އޭރުގެ އަންހެންވެރިން ވަރަށް ފޯރިއާއެކު ކުރި ކަމެކެވެ. މީގެ ބޭނުމަކީ ބަރަކާތްތެރި މަހާ ބައްދަލުކުރާއިރު، ތާހިރުކަމާއި އާ ދިރުމެއް ގޭތެރެއަށް ގެނައުމެވެ.
މާހެފުން ފެށިގެން އައި ގޮތަށް ބަލާއިރު، މީގެ އެންމެ މުހިންމު އެއް ބަޔަކީ ދިވެހިވަންތަ ކާނާއެވެ. ބޮޑުކެކުމެއް ކައްކައިގެން ކެއުމުގެ ބަދަލުގައި، އާންމުކޮށް މާހެފުމުގައި ބޭނުންކުރަނީ ހަށިގަނޑަށް ލުއި، އެހެނަސް މީރު ބާވަތްތަކެވެ. މީގެ ތެރޭގައި ގަބުޅި ހުންޏާއި، ބޮނޑިބަތާއި، ތަފާތު ވައްތަރުގެ ފޮނިކާތަކެތި ހިމެނެއެވެ. މިކަމުން ދޭހަވަނީ މާހެފުމަކީ ހަމައެކަނި ބަނޑުފުރާލުމަށް ބާއްވާ ކެއުމެއް ނޫން ކަމާއި، އެއީ ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރަމަޟާން މަހަށް ތައްޔާރުވުމަށް ފެށުނު ރީތި އާދައެއް ކަމެވެ.
ޒަމާނަށް އައި ބަދަލާއެކު މާހެފުން ބާއްވާ ގޮތަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ކުރީގައި ގޭގެ ގޯތިތެރޭގައި ނުވަތަ އަތިރިމަތީގައި ބޭއްވި މާހެފުންތައް، ބައެއް ހިސާބުތަކުގައި މިހާރު ވަނީ އޮފީސްތަކާއި، ރެސްޓޯރެންޓްތަކާއި، އަދި ބޮޑެތި ހޯލްތަކަށް ބަދަލުވެފަ އެވެ. ނަމަވެސް ބައެއް ރަށްރަށުގައި އަދިވެސް މާހެފުން ބާއްވަނީ އަތިރިމަތީގަ އާއި މަގުތަކުގައި ކަން ފާހަގަކުރެ ވެއެވެ.
މާހެފުން ބާއްވާ ގޮތަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، މި އާދަކާދަ ފެށިގެން އައި އަސާސީ މަގުސަދު އަދިވެސް އޮތީ އެގޮތުގަ އެވެ. އެއީ މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހަށް އުފަލާއެކު މަރުހަބާ ކިޔުމެވެ. މާހެފުމަކީ ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދޭ، އަދި ޖީލުން ޖީލަށް ފޯރުކޮށްދެމުންދާ ފަޚުރުވެރި ސަގާފީ ތަރިކައެކެވެ.
ނޮޓިންހަމް ފޮރެސްޓުގެ ކުރީގެ ވެރިޔާ ފަވާޒް އަށް ވަޅިން ހަމަލަދީފި