ޓްރަމްޕްގެ މާރް-އަ-ލާގޯ ރެސިޑެންސްގެ ސަލާމަތީ ރައްކާތެރިކަން ވަރުގަދަކޮށްފައިވާ ސަރަހައްދަށް ހަތިޔާރާއެކު ވަން މީހަކު، ސީކްރެޓް ސާވިސްގެ އޭޖެންޓުން ބަޑިޖަހައި މަރާލައިފި ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
ސީކްރެޓް ސާވިސްއިން ބުނީ، ފްލޮރިޑާގައި ހުންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މި ގޭގެ ސަލާމަތީ ވަށައިފާރުގެ ތެރެއަށް ވަން އެ މީހާގެ އަތުގައި ބަޑިއަކާއި ތެޔޮ ހަމެއް އޮތެވެ. އޭނާ ހުއްޓުވައި ބަޑިޖަހާފައިވަނީ ސީކްރެޓް ސާވިސްގެ އޭޖެންޓުންނާއި ޝެރިފްގެ ޑެޕިއުޓީއެކެވެ.
މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު އެމެރިކާ ގަޑިން 01:30 ހާއިރުއެވެ. އެ ވަގުތު ރައީސް ޓްރަމްޕް ހުންނެވީ ވޮޝިންގޓަން ޑީސީގަ އެވެ.
މަރުވި މީހާއަކީ ނޯތު ކެރޮލައިނާގެ ކެމަރަންއަށް ނިސްބަތްވާ އޮސްޓިން ޓީ މާޓިން ނަމަކަށް ކިޔާ މީހެއްކަން މިހާރު ވަނީ ދެނެގަނެވިފަ އެވެ. އޭނާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް އާދީއްތަ ދުވަހުގެ ފަތިހު އޭނާގެ އާއިލާއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ނޯތު ކެރޮލައިނާގެ މުއާ ކައުންޓީ ޝެރިފް އޮފީހުން ބުނެފައި ވެއެވެ.
އެ އިދާރާއިން ބުނި ގޮތުގައި، މާޓިންއާ ގުޅޭ އެއްވެސް ޖިނާއީ ރެކޯޑެއް މީގެ ކުރިން އެ އޮފީހުގައި ނެތެވެ. އަދި އޭނާ ނޯތު ކެރޮލައިނާއިން ފްލޮރިޑާއަށް ދިޔަ މަގުމަތީގައި ބަޑި ގަނެފައިވޭތޯ އޮފިޝަލުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތަނީ ގުގްލިއެލްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާރް-އަ-ލާގޯގެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަންނަނިކޮށް ފެނުމުން އޭޖެންޓުން އޭނާއަށް ބަޑިޖެހީ ކަމަށެވެ. އެ ސަރަޙައްދުގެ ޝެރިފް ރިކް ބްރެޑްޝޯ ވިދާޅުވި ގޮތުގައި، އެ މީހާގެ އަތުގައި އޮތް ތަކެތި ބެހެއްޓުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް އޭނާ އިންކާރު ކުރިއެވެ.
މި ހާދިސާގެ ތަހުގީގަށް އެފްބީއައި އިން ދަނީ އެހީތެރިވަމުންނެވެ. އަދި ސީކްރެޓް ސާވިސްގެ ޑައިރެކްޓަރު ޝޯން ކަރަން ވަނީ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ފްލޮރިޑާއަށް ވަޑައިގެންފަ އެވެ.
މާރް-އަ-ލާގޯއަކީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ ތަނެކެވެ. ރައީސް ޓްރަމްޕަށް އަމާޒުކޮށް މީގެ ކުރިންވެސް އަވަހާރަކޮށްލުމުގެ ހަމަލާތަކެއް ދީފައި ވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހު ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ބަޑީގެ ހަމަލާއެއްގައި އޭނާގެ ކަންފަތް ވަނީ ޒަޚަމްވެފަ އެވެ. އަދި ސެޕްޓެމްބަރު މަހު ޓްރަމްޕްގެ ގޯލްފް ކްލަބުގައި ހުންނަވަނިކޮށް ބަޑިއަކުން ހަމަލާދޭން އުޅުނު މީހަކު ވަނީ އަތުލައިގަނެ، އުމުރަށް ޖަލަށްލާފަ އެވެ.

ފޮނި ކެއުމަކަށް ފުފޫ ކަނދި ހަމަ އެއްވަނަ!
ރޯދަ ވީއްލާއިރު ކެއުން ގެންގުޅެން ޖެހޭނީ ކިހިނެއް؟