ސަރުކާރަށް ލިބޭ އާމްދަނީ އާއި ކުރި ހަރަދުގެ މައުލޫމާތު ހިމެނޭ ރިޕޯޓުތައް އާންމުނުކުރާ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.
މި އަހަރު ފެށިގެން ދެމަސް ވާން ދާއިރު، މިހާތަނަށް މި މައުލޫމާތު ހިމެނޭ އެއްވެސް ރިޕޯޓެއް ސަރުކާރުން ޝާއިއުކޮށްފައި ނުވާއިރު، ސަރުކާރުން މިހާތަނަށް ހަރަދުކުރީ ކިހާ ފައިސާއެއް ކަމެއް ވެސް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ.
އެންމެ އާންމުކޮށް ޝާއިއުކުރާ ރިޕޯޓަކަށް އޮންނަނީ ކޮންމެ ހަފުތާއެއްގައި ކުރި ހަރަދާއި ލިބުނު އާމްދަނީ އާއި އޮފީސްތަކުން ބަޖެޓުން ހަރަދު ކުރި ވަރު ހިމަނައިގެން ތައްޔާރުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެވެ. ފިނޭންސް މިނިސްޓްރީން މީގެ އެންމެ ރިޕޯޓެއް ވެސް މި އަހަރު ޝާއިއުކޮށްފައި ނެތެވެ. އެންމެ ފަހުން ޝާއިއުކޮށްފައިވާ ރިޕޯޓަކީ، މިދިޔަ އަހަރުގެ ފަހު ހަފުތާގެ ރިޕޯޓެވެ.
ސަރުކާރުން ހަރަދު ކުރީ ކިހާ ފައިސާއެއް ކަމެއް ނޭނގުނަސް، މީރާއިން ޖެނުއަރީ މަހުގެ އާމްދަނީ ރިޕޯޓު ޝާއިއުކޮށްފައިވާތީ އެ މަހު 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުކަން އެނގެ އެވެ.
ރިޕޯޓުތައް ޝާއިއުނުކުރާ މައްސަލައިގައި މީގެ ކުރިން ވެސް ފިނޭންސް މިނިސްޓްރީގައި އަހަައިގެން، ގަވާއިދުން އެ ރިޕޯޓުތައް ޝާއިއުނުކުރެވޭ ސަބަބެއް ކިޔައި ނުދެވުނެވެ.
2024 ވަނަ އަހަރު ވެސް މި މައްސަލަ ދިމާވެފައިވެ އެވެ. އޭރު މި ސަރުކާރުން ބުނި ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލީ ކުރީ ސަރުކާރުން ހަރަދު ރެކޯޑު ކުރުމުގައި ބޮޑު ގޯހެއް ހަދާފައިވާ ކަމަށް ބުނެ އެވެ. އެ ފަހަރު ރިޕޯޓުތައް ޝާއިއުކުރަން ފެށީ ތިން މަހުގެ މެދުކެނޑުމަކަށް ފަހުގަ އެވެ.
އެ ފަހުން އެހާ ދިގު މުއްދަތަކަށް މެދުނުކެނޑުނު ނަމަވެސް، މިދިޔަ އަހަރުގެ އެކި ހިސާބުގައި، ދެ ރިޕޯޓު ޝާއިއުކުރުމާ ދޭތެރޭގައި ދެ ތިން ހަފުތާ ވެފައި އެބަހުއްޓެވެ. އެކަމަކު، 2024 ގެ މައްސަލަގަނޑުގެ ފަހުން މި ރިޕޯޓުތައް ޝާއިއުނުކޮށް އެންމެ ގިނަ ދުވަސްވީ މި ފަހަރެވެ.

ޒަމާނީ ހާރުކެއުން: އިޖުތިމާއީ އާދައަކަށް ބަދަލުވެފައި
ރޯދަ މަލާފަތް: ދިވެހިންގެ ތާރީހުގެ ތެރެއިން ބޯ ފޮޅި!
އެޕްސްޓީން އާި ގާތް ގުޅުން އޮތް މެންޑެލްސަން ހައްޔަރުކޮށްފި