އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށާއި، ނަމަވެސް އެ ހުއްދަ ދީފައި ނުވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކުލަވައިލައްވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ އެއްވެސް ބޭނުމެއްގައި ރާއްޖޭގެ ވައިގެ ސަރަހައްދު ހުޅުވައިލުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ. އެގޮތުން އެފަދަ ހުއްދައަކަށް އެދި ހުށަހެޅި ހުރިހާ ރިކުއެސްޓެއް ވެސް ބޭރުކޮށްލާފައިވާ ކަން ހާމަކުރެއްވި އެވެ.
ހަލީލު ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަމަށާއި އަދި އެފަދަ އަންނަ ރިކުއެސްޓްތައް ވެސް ރިޖެކްޓް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިވަގުތު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ސަލާމަތާއި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމެވެ. އެގޮތުން ތެޔޮ އެތެރެކުރުމުގައި ވަކި ގައުމަކަށް ބަރޯސާވުން ކުޑަކޮށް، ތަފާތު ގައުމުތަކުން ތެޔޮ ގެނެވޭނެ މަގުތައް ތަނަވަސްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހަމައެއާ އެކު ކާބޯތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ ގޮތް ހެދުމަށް ދުނިޔޭގެ އެކި މާކެޓުތައް ބަލައި، ގައުމީ ފެންވަރުގައި ކާބޯތަކެތި ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ ދަތުރުފަތުރަށް ބުރޫ އެރުމުން، އާ ޓްރާންސިޓް މަގުތައް ހޯދައި އިތުރު އެއާލައިންތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން އެމްބަސީތައް މެދުވެރިކޮށް ގާތުން ބަލަމުން އަންނަ ކަމަށާއި ގިނަ ދިވެހިން މިހާރު ވެސް އެމްބަސީތަކުގައި ރަޖިސްޓްރީވެފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ބޭނުން ކުރެވޭ ރިޒާވް މަހުން މަހަށް %12 އިތުރުވެއްޖެ
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް