މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ މާކެޓަށް ތެޔޮ ފޯރުކޮށްދިނުން ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް، ރާއްޖެއަށް ތެޔޮ ލިބުމުގައި މިވަގުތު ދަތިކަމެއް ނެތް ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެކުރާ ކުންފުނިން ސަރުކާރުގެ މީޑިއާއަށް ބުނީ ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް މި ވަގުތަށް ނެތް ކަމަށާއި މިހާރު ހުރި ސްޓޮކްއިން މެނޭޖްކުރެވޭނެ ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ. މިގޮތުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފަ އެވެ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 70 ޑޮލަރުގަ އެވެ.
އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ތެލުގެ އިތުރު ދެ ޝިޕްމެންޓް އަންނަ ހަފްތާފައި ލިބޭނެ ކަމަށެވެ. އެހެން ކަމުން މިވަގުތަށް ހުރި ސްޓޮކުން ދަތިކަމެއް ނެތި މެނޭޖްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ އިން ބުނީ ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއް ވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށެވެ. އަދި މިވަގުތު ގޭހުގެ ޑިމާންޑް އިތުރުވުމުން އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭހުން ގޭސް ވިއްކަމުން ދަނީ ލިމިޓްކޮށްގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މޯލްޑިވް ގޭހުން މިވަގުތު ގޭސް ވިއްކަމުން ދަނީ 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި 5 ކިލޯގެ ގޭސްފުޅި އެވެ. މި ފިޔަވަޅަކީ މި ހަފުތާއަށް އެކަނި އެޅި ފިޔަވަޅެއް ކަމަށާއި އާ ޝިޕްމެންޓް ލިބުމާއެކު، ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ދުނިޔޭގެ ބާޒާރުގެ ތެލާއި ގޭހުގެ އަގު އުފުލުމާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ވަނީ އިންތިހާއަށް ބޮޑުކޮށްފަ އެވެ.

އަލިފާނުގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވައިފި
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު: ނަޝީދު
ރާއްޖެެއަށް ދަތުރުކުރާ އެއާލައިންތަކުން ޓިކެޓް އަގު ބޮޑުކޮށްފި