މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން ބާރު ބޭނުންކުރި ގޮތުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރޭ ޖިންސީ ފުރައްސާރާއި ޖިންސީ އަނިޔާއާ ދެކޮޅަށް "ރައިޒް އަޕް އެމްވީ" އިން ކުރިއަށް ގެންދިޔަ އިހުތިޖާޖު ހުއްޓުވަށް ފުލުހުން ބާރު ބޭނުންކުރި ގޮތާއި މެދުގައި ގިނަ ފަރާތްތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން އިހުތިޖާޖުގައި ބައިވެރިވި ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ޝޯޝަލް މީޑީއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯގައި ފެންނަ ގޮތުގައި ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން އެ ވީޑިއޯގައި ފެނެ އެވެ.

އަދި އިހުތިޖާޖު ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

ރޭގެ އިހުތިޖާޖު ރޫޅާލައިފައި ވަނީ، ގަދަ ބާރުން، ހާލަތާ ނުބައްދަލު ބޭނުންކޮށްގެން ކަމަށް މަޖިލިސް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން އަންނަނީ ބުނަމުން ނެވެ. އަދި އެ އިހުތިޖާޖުގެ ފޮޓޯތައް އާންމުވުމާ އެކު، އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.

ރޭގެ އިޖުތިޖާޖު ރޫޅާލިގޮތާއި މެދުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ މިވަރަށް ޕެޕަސްޕްރޭ ނުޖަހައިވެސް މިކަން ހައްލު ކުރެވޭނެ ކަމަށެވެ.

ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒު ވުމާއެކު ފުލުހުން ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ އިހުތިޖާޖުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ހާއްސަ އިސްކަމެއްދީގެން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަން ފަށައިފައިވާ ކަމަށެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ފުލުހުން ބާރުގެ ބޭނުން ކުރަން ގަނޫނު ހުއްދަކުރާ ހާލަތްތަކުގައި ވެސް ބާރުގެ ބޭނުން ކުރަން ވާނީ އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިންނެވެ.

ގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް އަދި ނޫސްވެރިންނަށް ހުރަސްތައް ކުރިމަތިކޮށް ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް ނިސްބަތްކޮށް ފުލުހުން ބޭ އަދަބީ ބަސް ބޭނުންކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މި މައްސަލަ ހޫނުވެފައިވަނިކޮށް ސީޕީ ހަމީދު ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ އިހުތިޖާޖު ރޫޅާލުމުގައި އަމަލުކުރި ގޮތް ބަލަން ވާނީ އަންގާފައި ކަމަށެވެ.

އިހުތިޖާޖުގެ ބައެއް ބައިވެރިން ބުނި ގޮތުގައި، އަންހެނަކު ހައްޔަރު ކުރަން ވެގެން ރޭ ފިރިހެން ފުލުހުންތަކެއް ވަނީ އޭނާގެ ގައިގައި ވެސް އަތްލައިފަ އެވެ. އަދި އެހެން ނުހެދޭނެ ކަމަށް އެ ވަގުތު ވެސް އެތާނގައި ގޮވަމުން ދިޔަ ކަމަށް އެ މީހުން ބުނެ އެވެ.

އިހުތިޖާޖުގެ އެއް ބައިވެރިއަކަށް އަނިޔާވެގެން އޭނާ އަށް އައިޖީއެމްއެޗުގައި ރޭ ވަނީ ފަރުވާ ވެސް ދީފަ އެވެ.