ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި، ތ. ތިމަރަފުށީ، އަސްރަފީވިލާ، އަހުސަން މުހައްމަދަށް އަނިޔާކުރިކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް)އިން ތަހުގީހުކުރަން ފަށައިފި އެވެ.

ތިމަރަފުށީ ސްކޫލުގައި ބޮން ގޮއްވަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހައްޔަރުކުރި 8 މީހުންގެ ތެރޭގައި ހިމެނޭ އަހުސަން މިހާރު ހުރީ ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފަ އެވެ.

އެޗްއާރުސީއެމްއިން ބުނީ ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސް އެކަން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ރޭ 10:00 ހާއިރު ކޮމިޝަނުގެ ޓީމެއް ދޫނިދޫއަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން، އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތާ އެ ކޮމިޝަނުން ބައްދަލުކޮށް މައުލޫމާތު ސާފްކޮށްފައިވާނެ ކަމަށާއި އަދި އާއިލާއާ ވެސް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

މި މައްސަލަ އެންޓި-ޓޯޗާ ގާނޫނުގެ ދަށުން އެޗްއާރުސީއެމުން ތަހުގީގު ކުރާނެ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

ފުލުހުން އިއްޔެ ވަނީ ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީފަ އެވެ. ފުލުހުން ބުނީ، އަހުސަން ބަންދުގައި ހުރި ގޮޅީގައި ހަރުކުރެވިފައިވާ ކެމެރާތަކުން ނުފެންނަގޮތް ހެދުމަށް ތަފާތު އެއްޗެހި ބޭނުންކޮށްގެން ކެމެރާތައް ބްލައިންޑް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން، މިމަހު 11 ވަނަ ދުވަހުގެ 8:00 ހާއިރު އޭނާ ގޮޅިން ބޭރަށް ނެރުނު ކަމަށް ފުލުހުން ބުންޏެވެ.

ކެމެރާތައް ބްލައިންޑް ކުރުމަށް އަހުސަން ކެމެރާގައި ހާކައިފައިވާ ދަތްއުނގުޅާ ބޭސް ސާފުކޮށް، ބޭނުންކުރި ތަކެތި ނެރުމަށްފަހު އަނބުރާ ގޮޅިއަށް ވަނުމަށް އެންގުމުން އެއެންގުމަށް ނުކިޔަމަންތެރިވެ، އެތަނުގައި އެވަގުތު ތިބި ފުލުހުންނަށް އިންޒާރުތަކެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ނުކިޔަމަންތެރިވެ، ފުލުހުންގެ ގައިގައި ޖަހާ މާރާމާރީ ހިންގުމުން ޕެޕާ ސްޕްރޭ ބޭނުންކޮށްގެން ޖަލުގެ ސަރަހައްދުން އޭނާ ނެރެ، ބިޑި އެޅުވި ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް، އަހުސަންގެ ވަކީލާ ހަވާލާދީ އާއިލާއިން ވަނީ އަހުސަންގެ ގައިގައި ތަޅާ ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.