ކުރިއަތް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އަށް ރާއްޖޭގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ތާއީދު ކުރައްވައިފި އެވެ.

އަލީ އަޝްފާގު ޑރ. މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަކޮށްފައިވަނީ ރޭ ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގަ އެވެ.

އެ ޓުވީޓުގައި މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އެބޭފުޅާއަށް ތާއީދުކުރައްވާކަމަށްޓަކާ އަލީ އަޝްފާގަށް އިޚްލާސްތެރަކަމާއެކު ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"މާލޭ މޭލަރުކަމަށް އަޅުގަނޑަށް ތާއީދުކުރައްވާކަމަށްޓަކައި، ގައުމު އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާ، ދެވަނައެއްނުވާ، އަލީ އަޝްފާގު އަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބަށް ދެ ހަފްތާއަށް ވެފައިވާއިރު ރަސްމީކޮށް އިންތިހާބުގެ ކެމްޕެއިން ފައްޓާފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. އެހެން ނަމަވެސް، ރާއްޖޭގެ ކޮވިޑްގެ ހާލަތުގެ ސަބަބުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގައި ދަތިތަކާވަނީ ކުރިމަތިލާން ޖެހިފަ އެވެ.