ޓެރަރިޒަމްގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކަށް ދޫނިދޫ ޖަލުގައި އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާގޮތާއި މެދު އާއިލާއިން ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަހްސަން ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހުގެ ރޭ 20:00 އެހައިކަންހާއިރު އޭނާ ގޮޅިން ބޭރަށް ނެރެފައިވާ ކަމަށެވެ. އަހްސަން ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އޭނާއަށް އެންގުމުން އެކަމަށް ދެކޮޅު ހެދި ކަމަށް ފުލުހުން ބުންޏެވެ.

"ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އަޙްސަން މުޙައްމަދު ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައްދީފައިވެއެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަޙްސަން އިންކާރުކޮށް، އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުން ވަަނީ ޕެޕަ ސްޕްރޭ ބޭނުންކޮށް އަހުސަނު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައި ކަމަށެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ވަނީ ގޮޅިއަށް ވައްދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނުނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީ އަށް ހުށަހަޅައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"އަދި މިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ޚިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވަހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

އަހްސަނާއި އިތުރު ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ތ. ތިމަރަފުށީ ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އުޅުނު މައްސަލައާ ގުޅިގެންނެވެ.