އެމެރިކާއިން ވަރަށް އަވަހަށް އީރާނުގެ ހަނގުރާމައިން ބޭރުވާނެ ކަމަށާއި، ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި ކުއްލި ހަމަލާތައް ދިނުމަށް އެނބުރި އަތުވެދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވައި ދެއްވާ ތަގުރީރަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ޓްރަމްޕް ވިދާޅުވީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ފަސް ހަފުތާ ވެފައިވާއިރު، ތެލުގެ އަގު އުފުލުމާ ގުޅިގެން ކުރިމަތިވަމުންދާ ފިއްތުންތަކާ ހުރެ ހަނގުރާމަ ނިންމާލާނެ ގޮތުގެ ޕްލޭނެއް މިރޭގެ ތަގުރީރުގައި ހާމަކުރައްވާނެ ކަމަށެވެ.

ފޯނުން ދެއްވި މި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ މައްސަލައިގައި ނޭޓޯގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި 1949 ވަނަ އަހަރުން ފެށިގެން އެމެރިކާ ބައިވެރިވަމުން އަންނަ ނޭޓޯ އިއްތިހާދުން އެމެރިކާ ވަކިވުމާ މެދު ވަރަށް ސީރިއަށްކޮށް ވިސްނަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިއުކްލިއާ ހަތިޔާރުގެ މައްސަލައިގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން މިހާރު ގެއްލިފައިވާ ކަމަށެވެ. އަދި އެމެރިކާގެ ހުރިހާ ސިފައިން އީރާނުން ބޭލި ނަމަވެސް، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ވަކިވަކި އަމާޒުތަކަށް "ސްޕޮޓް ހިޓްސް" ނުވަތަ ކުއްލި ހަމަލާތައް ދިނުމަށް އެނބުރި އައުމުގެ އިހްތިޔާރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އެގައުމުގެ ވެރިކަމަށް އައި ބަދަލާ މެދު ވެސް ޓްރަމްޕް ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ އީރާނުގެ އާ ލީޑަރުންނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި، އެގައުމުގެ ވެރިކަން ބަދަލުވީ ހަނގުރާމައިގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން އީރާނުގައި އަދިވެސް ހުރި ޔުރޭނިއަމްގެ މައްސަލައިގައި ޓްރަމްޕް ވިދާޅުވީ، އެތަކެތި ހުރީ ބިމުގެ ވަރަށް އަޑީގައި ކަމަށްވިޔަސް، ސެޓެލައިޓް މެދުވެރިކޮށް އެމެރިކާއިން އަބަދުވެސް އެކަންކަން މޮނިޓާ ކުރަމުންދާނެ ކަމަށެވެ.