އަންނަ އަހަރުގެ ނިޔަލަށް، އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، މިއަހަރާއި އަންނަ އަހަރަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން މިހާރު ދީފައިވާ ކަމަށެވެ.

އެގޮތުން ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޯދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނޭ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޚާއްސަ އެއްބަސްވުމެއްގެ ދަށުން، ދިވެހި ސަރުކާރުން ހުށަހެޅި މިންވަރަށް ބިނާކޮށް ދީފައިވާ ހުއްދައެކެވެ. އަދި މިއަހަރު ކަނޑައެޅިފައިވާ ކޯޓާގެ މިންވަރަކީ 1981 ވަނަ އަހަރު މި އިންތިޒާމު ހަމަޖެހުނު ފަހުން މިހާތަނަށް ދެވުނު އެންމެ މަތީ މިންވަރު ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރެ އެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުހިންމު ތަކެތި ކަމަށްވާ ހިލައާއި ހިލަވެލީގެ އިތުރުން، މި އަހަރުގެ ހަނޑުލުގެ ކޯޓާ ވަނީ ކުރީ އަހަރާ އަޅާބަލާއިރު 77 އިންސައްތަ އިތުރުކޮށްދީފަ އެވެ.

މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި މި ތަކެތި އެކްސްޕޯޓް ކުރުމުގައި އިންޑިއާއިން އަޅާ އެއްވެސް ހުރަހެއް ނުވަތަ މަނާކުރުމެއް ނުހިނގާނެ ކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފަ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މިއީ އެ ގައުމުގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ތަރައްގީއަށް އެއްބާރުލުން ދިނުމަށް އިންޑިއާއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ އަދި ދިމާވާ ކޮންމެ ހާލަތެއްގައި ވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ބޮޑެތި އުމްރާނީ މަޝްރޫއުތައް ހިންގަމުންދާއިރު، ސިއްހީ، އިގްތިސޯދީ އަދި ހަކަތަ ފަދަ އެކިއެކި ދާއިރާތަކުން ވެސް އިންޑިއާގެ އެހީތެރިކަން ލިބެ އެވެ. މީގެ އިތުރުން، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް ވެސް މިދިޔަ ސެޕްޓެމްބަރު މަހު އެ ގައުމުން ވަނީ ފަސްކޮށްދީފަ އެވެ. އަދި ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ތެޔޮ އެތެރެކުރުމަށް ވެސް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެހީއަށް އެދިފަ އެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، އިންޑިއާއިން ދިން މި ލުޔަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.