ލުބުނާން އާއި އިޒްރޭލާއި ދެމެދު ދިހަ ދުވަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާން ކުރައްވާފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އޭނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ހުއްޓާލެވޭނެ އެވެ.

ލުބުނާންގެ ރައީސް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާންނަނީސް އިޒްރޭލުގެ ބޮޑުވަޒީރާ ފޯނުން ވާހަކަދެއްކެވުމަށް އިންކާރު ކުރައްވާފަ އެވެ. އެހެންކަމުން، ދެ ފަރާތުން އެއްބަސްވުމަކަށް އައުމުން ޓްރަމްޕް އެކަން އިއުލާނު ކުރެއްވީ ކަމަށް ބެލެވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނުކަން ޓްރަމްޕް އިއުލާނު ކުރެއްވުމުގެ ކުރިން، ހިޒްބުالله އިން ނެރުނު ބަޔާންތަކެއްގައި ބުނެފައިވަނީ، ލުބުނާނުގެ ދެކުނާއި އިޒްރޭލުގެ އުތުރުގައިވާ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ހިޒްބުالله އިން ބުނެފައިވަނީ ލުބުނާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ކުރިއަށްގެންދާ އުދުވާނުތައް ހުއްޓާލަންދެން މި ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.