މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އީރާނުގެ ބަދަލުގައި، މުބާރާތުން ފުރުސަތު ނުލިބުނު އިޓަލީއަށް ފުރުސަތު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ހުށަހެޅި ހުށަހެޅުމަށް އިޓަލީގެ ސަރުކާރުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ. މި ހުށަހެޅުމަކީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އީރާނަށް މުބާރާތުގައި ބައިވެރިވުމަށް އޮތް ހުރަސްތަކުގެ ތެރެއިން އައި ހުށަހެޅުމެކެވެ.

އެމެރިކާގެ ގްލޯބަލް ރިލޭޝަންސް އެންވޯއީއެއް ކަމަށްވާ އިޓަލީއަށް އުފަން ޕައޮލޯ ޒަމްޕޮލީ ވަނީ، އީރާނުގެ ބަދަލުގައި އިޓަލީއަށް ފުރުސަތު ދިނުމަށް ރައީސް ޓްރަމްޕަށާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ހުށަހަޅާފަ އެވެ. ޒަމްޕޮލީ ބުނި ގޮތުގައި އިޓަލީއަކީ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމަކަށް ވުމުން، އެމެރިކާގައި ބާއްވާ މުބާރާތެއްގައި އެ ޓީމު އޮތުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މިއީ ޓްރަމްޕްގެ ސަރުކާރުގެ ރަސްމީ ނިންމުމެއް ނޫންކަން ފާހަގަކުރެވެ އެވެ.

މި ހުށަހެޅުމާ ގުޅިގެން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު އެންޑްރިއާ އަބޯޑީ ވިދާޅުވީ، މިއީ އެއްގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫން ކަމަށާއި، މުބާރާތަށް ކޮލިފައިވާން ޖެހޭނީ ދަނޑުމަތީގައި ކުޅެގެން ކަމަށެވެ. އަދި އިޓަލީގެ އިގްތިސާދީ ވަޒީރު ޖިއަންކާލޯ ޖިއޯޖެޓީ ވަނީ މިއީ ވަރަށް "ލަދުވެތި" ހުށަހެޅުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ލޫސިއާނޯ ބުއޮންފިގްލިއޯ ވިދާޅުވީ މިފަދަ ގޮތަކަށް ފުރުސަތު ލިބުމަކީ އިޓަލީއަށް ލިބޭ އިހާނެތިކަމެއް ކަމަށެވެ.

އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖަރާނީ ބުދަ ދުވަހު ވިދާޅުވީ، ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމު ފުރިހަމައަށް ބައިވެރިވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ. އީރާނުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް އެމެރިކާގައި ކުޅެން ހަމަޖެހިފައިވީ ނަމަވެސް، އެ ގައުމުން ދަނީ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.

މި މައްސަލައިގައި އިޓަލީގެ މަޝްހޫރު ކޯޗު ޖިއާނީ ޑި ބިއާސީ ރޮއިޓާސްއަށް ބުނީ، އީރާނަށް ބައިވެރިނުވެވޭ ހާލަތެއްގައި ވެސް އެ ފުރުސަތު ދޭންޖެހޭނީ ކޮލިފައިންގައި އެ ޓީމުގެ ފަހަތުން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމަކަށް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އިޓަލީއަށް ޓްރަމްޕްގެ އެހީތެރިކަން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އިޓަލީއަކީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައި ނުވެ އޮތް ގައުމެކެވެ.