ރާއްޖޭގައި ކޮވިޑް ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމަށް މާލޭގެ މޭޔަރުކަމަށް އިންތިހާބު ކޮށްފައިވާ ޑރ. މުހައްމަދު މުއިއްޒު ރޭ ސަރުކާރަށް އިލްތިމާސް ކުރައްވައިފި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ގޯހުންގޯހަށް ޤައުމުގެ ޙާލަތު ނުދަނީސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ. ވެކްސިންގެ ސްޓޮކާއި ވެންޓިލޭޓަރުތައް މަދުވެ، ކޮވިޑަށް މީހުން ޕޮޒިޓިވްވާ ވަރު އިތުރު ވެފައިވާ މި ނާޒުކް ދަނޑިވަޅުގައި ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ފަށަން ޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއްއިޒު މީގެ ކުރިން ވިދާޅުވެފައިވަނި ފަރުދީ ޒިންމާ އެކަނި ނަގައިގެން ކޮވިޑްގެ ހާލަތު އަރައި ނުގަނެވޭނެ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައްވެސް ބަދަލުކުރަން ޖެހޭ ކަމަށެވެ.

އިއްޔެ ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 734 އާ އެކު ރެކޯޑް އަދަދަކަށް މައްޗަށް ދިއުމާއެކު، ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ރެއިން ފެށިގެން ކުއްލި ކާފިއުއެއް އިއުލާން ކޮށްފަ އެވެ. ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް ހިންގާ އެ ކާފިއުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކުގައި ކިޔަވައި ދިނުން ވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށްރަށަށް ދަތުރުކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކޮވިޑް ވެކްސިން ދީފައިވީނަމަވެސް އެންމެ ގިނަ ބަޔަކު ޖެހި ކޮބީޝީލްޑް ވެކްސިން ވަނީ ރާއްޖެއިން ހުސްވެފަ އެވެ. ކޮވީޝީލްޑް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު އެކަމަށް ވެސް ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ސަރުކާރުން ބުނެފަ އެވެ.

ކޮވިޑް ބަލިމަޑުންކަން އިތުރަށް ގޯސްވެފައިވާއިރު ސަރުކާރުން އަމަލުކޮށްފައިވާ ގޮތާމެދުގައި ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް ދިމާކޮށް ސަރުކާރުން ލުއި ދިނުމުން އެކަމަށްވެސް ގިނަ ބަޔަކު ފާޑުކިޔަމުން އަންނަކަށްވެސް ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން ކޮވިޑް ބަލީގައި މަރުވާ މިހުންގެ މޫނު ބެލުމުގެ ފުރުސަތު ނުވަތަ ކަށުނަމާދަށް ނުދެވިފައިވާއިރު އިންތިހާބަކަށް ދިމާކޮށް ވޯޓުލާ ފުރުސަތު ދިނުމުންވެސް ފާޑު ކިޔުންވަނީ އިތުރުވެފައެވެ.