ތުރުކީގެ ތާރީހީ އަދި ހިތްގައިމު ސިޓީ، އިސްތަންބޫލްގައި ކޮންމެ އަހަރަކު ވެސް ބާއްވާ މަޝްހޫރު "ޓިއުލިޕް ފެސްޓިވަލް" އާއެކު، މުޅި ސިޓީ ކުލަގަދަ މާބަގީޗާ އަކަށް ބަދަލުވެ އެވެ.
ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ ތެރޭގައި ބައްދަލުކުރާ މި މޫސުމަކީ ތުރުކީގެ މީހުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުން އިންތިޒާރު ކުރާ މޫސުމެކެވެ.
މިލިއަނުން ގުނާލެވޭ ޓިއުލިޕް މާތައް
އިސްތަންބޫލްގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް ބޮޑެތި ޕާކުތަކާއި މަގުތަކުގެ އަރިމަތީގައި މި މޫސުމާ ދިމާކޮށް މިލިއަނުން ޓިއުލިޕް މާ އިންދަ އެވެ.
މި ފެސްޓިވަލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ، އިސްތަންބޫލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މިއަހަރު ވެސް 3.5 މިލިއަނަށް ވުރެ ގިނަ ޓިއުލިޕް މާ ސިޓީގެ އެކި ކަންކޮޅުތަކުގައި ފޮޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެންމެ މަޝްހޫރު ސަރަހައްދުތައް
މި ފެސްޓިވަލްގެ އެންމެ މުހިންމު އެއް މަރުކަޒަކީ "އެމިރްގާން ޕާކް"އެވެ. މި ޕާކުގައި ތަފާތު ކުލަކުލައިގެ ޓިއުލިޕްތަކުން ލޭންޑްސްކޭޕް ތައްޔާރުކޮށްފައިވާއިރު، ބޮސްޕޯރަސް ކަނޑުއޮޅީގެ ހިތްގައިމު މަންޒަރުތައް ވެސް އެތަނުން ފެންނަން ހުރެ އެވެ.
މީގެ އިތުރުން ސުލްތާން އަހުމަދު ސްކޮޔަރާއި، ގުލްހާނޭ ޕާކަކީ ވެސް މި މޫސުމުގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ ތަންތަނެވެ.
ތާރީޚީ ގުޅުން
ޓިއުލިޕް މަލަކީ ތުރުކީގެ ސަގާފަތާއި ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އުސްމާނީ ދައުލަތުގެ ދުވަސްވަރު ޓިއުލިޕަކީ ވަރަށް ބޮޑު ގަދަރެއް ދެވުނު، މުއްސަނދިކަމާއި ރީތިކަމުގެ ރަމްޒެކެވެ. އިސްތަންބޫލްގެ މި ފެސްޓިވަލަކީ އެ މުއްސަނދި ތާރީޚު ދިރުވައި އާލާކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
ފަތުރުވެރިކަމަށް ލިބޭ ކުރިއެރުން
ބަހާރު މޫސުމުގެ މި ދުވަސްވަރަކީ އިސްތަންބޫލްގެ ފަތުރުވެރިކަން އެންމެ ބާރުބޮޑުވާ އެއް ދުވަސްވަރެވެ. ފޮޓޯގްރާފަރުންނާއި، އާއިލާތަކާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަބީއީ ރީތިކަމަށް ލޯބިކުރާ މީހުން މި ރީތި މަންޒަރުތައް ބަލާލުމަށް އިސްތަންބޫލަށް ޖަމާވެ އެވެ.
އިސްތަންބޫލްގެ ޓިއުލިޕް ފެސްޓިވަލަކީ ހަމައެކަނި މަލުގެ މައުރަޒެއް ނޫނެވެ؛ އެއީ އެ ސިޓީގެ ދިިރުމާއި، އުފާވެރިކަމާއި، އަދި މުއްސަނދި ސަގާފަތް ދުނިޔެއަށް ދައްކާލާ ވަރަށް މުހިންމު މުނާސަބަތެކެވެ.