ރާއްޖޭގެ ހާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން އާންމުކޮށް ވާހަކަ ދެއްކުމުގައި ގައުމީ މަސްލަހަތަަށް އިސްކަންދީ ނުހަނު ބޮޑަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރެއްގައި މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ރާއްޖެ ވަޑައިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެއާ ގުޅުން ކަނޑާލި މައްސަލާގައި މޮރިޝަސް އޮތީ ވާހަކަދައްކައިގެން ކަންކަން ހައްލުކުރަން ތައްޔާރަށް ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ބޮޑެތި ނަތީޖާތަކެއް ނުކުތުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން، އެފަދަ ބަޔާންތަކަކީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ މަޝްވަރާތަކަށާއި، ގައުމީ އެއްބައިވަންތަކަމާއި، ދިވެހިރާއްޖޭގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބަދަހިކުރުމަށް މަގުފަހިވާ ވާހަކަތަކަށް ވާން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ބައިނަލްއަގުވާމީ ހަމަޖެހުމާ ގުޅުންހުރި ކަންކަމުގައި، އެއްގަލަކަށް އަރާ ގައުމުތަކާއި ޖަމިއްޔާތަކާއެކު، ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި އެއްބާރުލުން ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.