މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައި ބުނެފައިވަނީ، މިއަދު ހަވީރު 5:30 އިން ފެށިގެން މިރޭ 10:30 އާ ދެމެދު ކ. އަތޮޅުން ފެށިގެން ދެކުނުގައި އޮންނަ އައްޑޫ ސިޓީއާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވީމާ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހުޅަނގު މޫސުން ރަސްމީކޮށް ރާއްޖެއަށް ފެށިފައިވާކަން މެޓް އޮފީހުން އިއްޔެ ވަނީ އިއުލާނުކޮށްފި އެވެ.

ދެ މޫސުމުގެ ދޭތެރޭގައި ކޮންމެ އަހަރަކު ވެސް މަހެއްހާ ދުވަސް އޮންނައިރު، މިއީ އާއްމު ގޮތެއްގައި ގަދަ ދުވަސްތަކެކެވެ. ހުޅަނގު މޫސުމުގައި ގިނައިން ވިއްސާރަ ވެހި ކަނޑު ގަދަވެ އެވެ. މިހާރު ވެސް މެޓު އޮފީހުން ވަނީ، ކުރިއަށް އޮތް ދެ ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރެއަށް ގަދަ ވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.