ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއާ ގުޅުވައިގެން ދެއްކެވި ވާހަކަތަކަކީ އަބުރަށް އަރައިގަތުން ކަމަށް ބުނެ، ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ތައްޔާރުވަމުންދާ ކަމަށް އައްބާސް ވިދާޅުވެއްޖެ އެވެ.
މި މައްސަލަ ފެންމަތިވީ ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ފަލާހު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، ފަލާހު ވަނީ އައްބާސްގެ އަމިއްލަ ދިރިއުޅުމާއި، އޭނާގެ އަނބިދަރިންނާ ގުޅުވައިގެން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
ފަލާހު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ތެރޭގައި ދެކެވޭ "އައިޝާ" އެއްގެ ވާހަކަ އެންމެ ބޮޑަށް ދައްކަވާ އެއް ބޭފުޅަކީ އައްބާސް އެވެ. އަދި އައްބާސް އަމިއްލައަށް އެހެން އަންހެނަކު ގެންގުޅޭތާ އަށް މަސް ވެފައިވާ ކަމަށާއި، އެކަން އާއިލާއަށް ފަޅާއެރުމުން އަނބިމީހާ އޭނާ ދޫކޮށްލާފައިވާ ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ. މީގެ އިތުރުން، ރައީސް މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
ފަލާހުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އައްބާސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އޭނާގެ އަބުރާއި އާއިލީ އުފާވެރިކަމަށް ހުރަސްއެޅުމުގެ ގޮތުން ދެއްކެވި ހަޑިހުތުރު ވާހަކަތަކެއް ކަމަށް ސިފަކުރެއްވި އެވެ.
"މިކަމުގައި ހޯދަންޖެހޭ ގާނޫނީ ލަފާ ހޯދުމަށް ފަހު، އަބުރުގެ ދައުވާ ކުރުމާ މެދު އަޅުގަނޑުގެ ގާނޫނީ ޓީމުން މަސައްކަތް ކުރަމުންދާ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އައްބާސް ވިދާޅުވި އެވެ.
މި ތުހުމަތުތައް ކޮށްފައި މިވަނީ "އައިޝާ" ގެ ނަމުގައި އުފައްދާފައިވާ ޑޮކިއުމެންޓަރީއެއްގެ ވާހަކަތައް ނުފެތުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގަ އެވެ. އެ އަމުރާ ގުޅިގެން "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު މިހާރު ޖަލަށް ލާފައިވާއިރު، ސިޔާސީ އެކި ފަރާތްތަކުން އެ އަމުރާ ހިލާފަށް ވާހަކަ ދައްކަމުންދާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.
މެކްރޮންއާއި ފްރާންސްގެ އެކްޓްރެސްއަކާ ގުޅުމެއްގެ ބޭއްވި ތުހުމަތު
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟
އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް، ޔޫއޭއީއަށް ތޯރިގު