ރ. އަލިމަތާ ރިސޯޓު ކައިރީގައި އޮންނަ ހޮހޮޅަށް ފީނަން ދިޔަ އިޓަލީގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ކުއްލި ގޮތަކަށް މަރުވި ސާޖަންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ ބާއްވަން ނިންމައިފި އެވެ.
މއ. ޖަންބުގަސްދޮށުގެ، މަހުދީ 43، ގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައި މިރޭ 10:00 ގަ އެވެ. އަދި މައްޔިތާގެ މޫނު ދެއްކުން މިރޭ 7:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި ކަށުނަމާދަށް ފަހު، މައްޔިތާ ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ އާ ސަހަރާގަ އެވެ.
މަހުދީގެ ޖަނާޒާގައި ވީހާ ގިނަފަރާތްތަކުން ބައިވެރިވުމަކީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެދުމެކެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ޑައިވިންއަށް ގެންދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ބުރާސްފަތި ދުވަހު ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އޭނާ ފެނުނީ އިރުއޮއްސި 6:13 ހާއިރު، 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިން މަރުވެފައި އޮއްވަ އެވެ. ބާކީ ތިބި 4 މީހުން ހޯދުމުގެ މަސައްކަތް ދަނީ ފުޅާދާއިރާއެއްގައި ކުރިއަށެވެ.
ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އޮޕަރޭޓަރުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ މިންގަނޑުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ގެއްލުނު އިޓަލީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް އިޓަލީ ސަރުކާރުން ހުށަހަޅައިގެން ބޭރުގެ ތަޖުރިބާކާރު ތިން ޑައިވަރަކު މާދަމާ ރާއްޖެ އަންނާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުންޏެވެ.
ތަފާތު ފަންނީ ކަންކަމުގައި އުޅޭނަމަ "މުސްކުޅިވުން" ލަސްވޭ: ދިރާސާ
ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އައްބާސް ނިންމައިފި
ޑައިވިން ދާއިރާ ރެގިއުލޭޓްކުރުމުގައި މިހާރަަށްވުރެ ސަމާލުވާންޖެހޭ