ގެއްލިފައިވާ އިޓަލީގެ ޓައިވަރުން ހޯދަން މިއަދު ޑައިވިންއަށް ދިޔަ ސިފައިންގެ ޓީމު ނިމިގެން ފޭބިއިރު، އެ ޓީމުގެ މެންބަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ހޭނެތިފައި އޮއްވާ ފެނުނީ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

ވ. އަލިމަތާ ކައިރިއަށް މިދިޔަ ބުރާސްފަތި ދުވަހު ފީނަން ފޭބުމަށްފަހު 60 މީޓަރުގެ ފުނުން ހޮހޮޅައެއްގެ ތެރެއަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ރިސްކު ބޮޑު އޮޕަރޭޝަންގެ އިސް މަހުދީ ވަނީ ހަރަކާތްތެރިވެފަ އެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާ ހަވާލާދީ ބީބީސީން ބުނީ ޑައިވް ނިންމުމަށް ފަހު ޑައިވަރުން އެރި އިރު މަހުދީ ފެންނާކަށް ނެތް ކަމަށެވެ. އެހެންވެ، އެ ވަގުތު އެހެން ޑައިވަރުން މަހުދީ ހޯދަން އަނެއްކާ ފީނަން ފެށީ އެވެ. މުންދު ވިދާޅުވި ގޮތުގައި މަހުދީ ފެނުނީ ހޭނެތިފައި އޮއްވަ އެވެ.

މަހުދީއަށް ފަރުވާ ދިނުމަށް މެންދުރު ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އޭނާ ނިޔާވީ އެވެ.

މަހުދީއާ އެކު ސިފައިންގެ ބޭސިކް ޓްރެއިނިން ފުރިހަމަކުރި ހޯމް މިނިސްޓަރު އަލީ އިހުސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަހުދީ ފާހަގަކުރެވެނީ އަހުލާގު ރަނގަޅު އަދި މަސައްކަތަށް ފަރުވާތެރި މީހެއްގެ ގޮތުގައި ކަމަށެވެ.

ފާއިތުވީ މުއްދަތުގައި އެކި ޓްރެއިނިންތައް ނިންމައި އެތައް ހާސް ޑައިވެއް ކޮށް، ސިފައިންގޭގެ އެންމެ މޮޅު އެއް ޑައިވަރަށް އޭނާ ވެފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ނުރައްކާ ބޮޑެތި އޮޕަރޭޝަންތަކުގައި ބައިވެރިވެ، 70 މީޓަރު އަޑިއަށް ވެސް އޭނާ ފީނާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"ސާޗް އެންޑް ރެސްކިއު ޑައިވަރުންނަށް ކުރިމަތިވާ ނުރައްކާތައް ގިނަ ބަޔަކަށް ނުވިސްނޭނެ. އެ މީހުންގެ ހަގީގީ މަސައްކަތް ފެށެނީ ހާލަތު ގޯސްވެ، ރިސްކު ބޮޑުވުމުން. އެ މީހުންނަކީ އެހެން މީހުން ސަލާމަތް ކުރުމަށް އަމިއްލަ ފުރާނަ ގުރުބާންކޮށް، ވާޖިބު އަދާކުރުމަށް އެއްވެސް ޖެހިލުމެއް ނެތި އިޖާބަ ދޭ ބައެއް،" އިހުސާން ވިދާޅުވި އެވެ.

މަހުދީގެ ކަށުނަމާދު މިރޭ 10:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.