"އަދަދު" އޮންލައިން ނޫހުން ނެރުނު ޑޮކިއުމެންޓަރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ މި މައްސަލަ ރިޖެކްޓްކުރީ، ކްރިމިނަލް ކޯޓުގެ އެ އަމުރު އިސްތިއުނާފުކުރުމުގެ ގާނޫނީ ހައްގު އެމްޖޭއޭއަށް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ގައި ހިމެނެނީ އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި އެއްވެސް ވަރަކަށް ދައުރު ނުކުރުމަށެވެ. އަދި އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުމުގެ އިތުރުން މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާއާ ގުޅުވައި އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ.

މި އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން (އީސީ) ވަނީ ސިޔާސީ ޕާޓީތަކަށްވެސް އެ ޑޮކިއުމެންޓަރީގެ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށް އަންގައިފަ އެވެ.

މި އަމުރާ ޚިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރު އާއި މުހައްމަދު ޝަހުޒާން ވަނީ ޖަލަށްލާފަ އެވެ. އަދި މި މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލަ ވަނީ ސިއްރުކޮށްގެން ޝަރީއަތް ވެސް ފަށާފަ އެވެ.

އެމްޖޭއޭއިން ބުނީ މިއީ މުޅި މުޖުތަމައަށް އަމާޒުކޮށް، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރުނު އަމުރެއް ކަމަށެވެ. އަދި ދެ ނޫސްވެރިން ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވެސް ވަނީ އެކަން ހަރުކަށިކޮށް ކުށްވެރިކޮށްފަ އެވެ.

އެ އަމުރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.