މިއަދުގެ ދުނިޔޭގައި އިންސްޓަގްރާމް، ޓިކްޓޮކް، ނުވަތަ ސްނެޕްޗެޓް ފަދަ މީސްމީޑިއާ (ސޯޝަލް މީޑިއާ)ގެ ވަސީލަތްތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ ބައެކެވެ.
މީސްމީޑިއާގެ ސަބަބުން ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބޭ އެކުވެރިންނާވެސް ފަސޭހައިން ގުޅާލެވެ އެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، މިގޮތަށް އޮންލައިންކޮށް ބަދަހިކުރާ ގުޅުންތަކުގެ ސަބަބުން އަހަރެމެންގެ ހަގީގީ އެކުވެރިކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ބޮޑެތި ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.
ރަހުމަތްތެރިކަމާއި އެކުވެރިކަން ބަދަހި ކުރުމަށްޓަކައި ސޯޝަލް މީޑިއާގެ ބޭނުން އެތައް ބަޔަކު ކުރި ނަމަވެސް ހަގީގަތަކީ މީސްމީޑިއާގެ ސަބަބުން އެކުވެރިކަމުގެ މާނަ މިހާރު ވަނީ ބަދަލުވާން ފަށާފައިވާ ކަމެވެ.
"ގުޅުންތައް" އިތުރު، އެކަނިވެރިކަން ވެސް އެހާ ބޮޑު
މީސްމީޑިއާގެ ސަބަބުން އަހަރެމެން 24 ގަޑިއިރު އެކަކު އަނެކަކާ ގުޅިފައި ތިބި ނަމަވެސް، ޒުވާނުންގެ މެދުގައި އެކަނިވެރިކަމުގެ އިޙްސާސް ދަނީ އިތުރުވަމުންނެވެ. ފޯނުގެ ސްކްރީން މަތިން ފެންނަ "ލައިކް" އާއި "ކޮމެންޓް" ތަކަކީ ހަގީގީ ދިރިއުޅުމުގައި ބައްދަލުވެ، ވާހަކަދައްކާލުމުން ލިބޭ ހިތްހަމަޖެހުމާއި ގާތްކަން ބަދަލު ކޮށްދެވޭނެ އެއްޗެއް ނޫނެވެ.
މީގެ ސަބަބުން ގިނަ ބަޔަކަށް "ވާޗުއަލް"ކޮށް އެތައް ސަތޭކަ އެކުވެރިން ތިބޭއިރުވެސް، ހަގީގަތުގައި އެކަނިވެރިކަން އިޙްސާސް ކުރަން ޖެހެ އެވެ.
އަޅާކިޔުމާއި ހަސަދަވެރިކަން
މީސްމީޑިއާގައި ގިނައިން ފެންނަނީ މީހުންގެ ދިރިއުޅުމުގެ އެންމެ އުފާވެރި އަދި އެންމެ ފުރިހަމަ ވަގުތުތަކެވެ. އެކުވެރިން އެކި ތަންތަނަށް ގޮސް ސަކަރާތްޖަހާ މަންޒަރު ނުވަތަ އާ އެއްޗެހި ގަންނަ މަންޒަރު ފެނުމުން އަމިއްލަ ދިރިއުޅުމާ މެދު މާޔޫސްވެ އެވެ.
މީގެ ސަބަބުން އެކުވެރިންގެ މެދުގައި ނޭނގި ނަމަވެސް ހަސަދަވެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ ނަފްސާނީ އަނދަވަޅަކަށް މީހާ ވައްޓާލަ އެވެ.
"ފޯމޯ" ނުވަތަ ބާކީ ވެދާނެ ކަމުގެ ބިރު
"ފޯމޯ"އަކީ މީސްމީޑިއާގެ ސަބަބުން އުފެދިފައިވާ ބޮޑު ނަފްސާނީ މައްސަލައެކެވެ. އެކުވެރިން އެކުގައި ބާއްވާ ހަފްލާއެއް ނުވަތަ ބައްދަލުވުމެއްގެ ފޮޓޯއެއް އޮންލައިންކޮށް ފެނުމުން، "އަހަރެން މިތަނަށް ނުގެންދިޔައީ ކީއްވެބާ؟" ނުވަތަ "އަހަރެން ބާކީވީބާ؟" ފަދަ ބިރުވެރިކަމެއް ހިތުގައި އުފެދެ އެވެ. މިއީ އެކުވެރިންގެ މެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލުވާލާ ކަމެކެވެ.
ފުން ގުޅުންތަކުގެ ބަދަލުގައި ސާފު ގުޅުންތަކެއް
ހަގީގީ އެކުވެރިކަމަކީ އެކަކު އަނެކަކަށް އެހީތެރިވެ، ދިރިއުޅުމުގެ ހިތްދަތި ވަގުތުތަކުގައި ވޭން ހިއްސާ ކުރުމެވެ. ނަމަވެސް މީސްމީޑިއާގައި ގިނައިން އޮންނަނީ ހަމައެކަނި "ސްޓްރީކް" ދެމެހެއްޓުމާއި، ފޮޓޯއަށް ކޮމެންޓް ކޮށްލުން ފަދަ މާ ފުންމިނެއް ނެތް ގުޅުންތަކެކެވެ. މީގެ ސަބަބުން ކަމެއް ދިމާވާ ވަގުތު ހަގީގަތުގައި އަޅާލާނެ އެކުވެރިއަކު ނުލިބުމުގެ މައްސަލަ ކުރިމަތިވެ އެވެ.
ދުޅަހެޔޮ ގުޅުމަކަށް ހެދުމަށް ކުރެވިދާނެ ކަންތައްތައް
މީސްމީޑިއާގެ ނުފޫޒުން ސަލާމަތްވެ، އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެކުވެރިންނާ އޮންލައިންކޮށް ވާހަކަދެއްކުމުގެ ބަދަލުގައި ބޭރުން ބައްދަލުކޮށް، "ސްކްރީން-ފްރީ" ވަގުތުތަކެއް ހޭދަކުރުން މުހިއްމެވެ.
ފޯނު ދުރަށްލުމަށްފަހު އެކަކު އަނެކެއްގެ މޫނަށް ބަލައިގެން ދައްކާ ވާހަކަތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އެކުވެރިކަމުގެ ގުޅުން މާ ބަދަހިވެގެންދާނެ އެވެ. ހަގީގީ ގުޅުންތަކުން ލިބޭ އުފަލާއި ހިތްހަމަޖެހުން ވާޗުއަލް ގުޅުންތަކުން ލިބޭ ހިތްހަމަޖެހުމާ ނުބައްދަލުވާނެ އެވެ.
ދައުރު ދަންމާލުމަށް ފަހު ތާވަލުކުރި ފުރަތަމަ ޖަލްސާ ކެންސަލް!
ވަތަނީ ހިދުމަތުގެ ބައިވެރިން ދަތުރުކުރި ލޯންޗެއް އަޑިއަށް