ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަން ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު އަލުން ފަށައިފި އެވެ.
އޮޕަރޭޝަން މިއަދު އަލުން މި ފެށީ، ދިވެހިރާއްޖޭގެ ރެސްކިއު ޓީމާއި، މިކަމަށް ޚާއްސަކޮށް ރާއްޖެ އައިސްފައިވާ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މުހިންމު މަޝްވަރާތަކަށް ފަހުގަ އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މިއަދުގެ މަސައްކަތްތައް ބައްޓަންކޮށްފައި ވަނީ ސަލާމަތީ ގޮތުން އެންމެ ރައްކާތެރި، އަދި ޓެކްނިކަލް ގޮތުން އެންމެ ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ. އެގޮތުން އިންސާނުންގެ ފުރާނައަށް ނުރައްކާ ނުވާނެހެން، ކަނޑުއަޑި ބެލުމަށް ޚާއްސަ ރިމޯޓް ކޮންޓްރޯލް ވެހިކަލް (އާރްއޯވީ) މިއަދު ދަނީ ބޭނުންކުރަން ފަށާފައި ކަމަށް މުންދު ވިދާޅުވި އެވެ.
ނަމަވެސް އޮއިވަރު ހުރިގޮތުން މާ ފުނަށް ފޮނުވުމުގައި ގޮންޖެހުންތަކެއް އެބަހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު، ދިވެހި ޑައިވަރުންގެ ސަލާމަތަށް ވަނީ ވަރަށް ބޮޑަށް ވަނީ އިސްކަންދީފައި ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ދިވެހި ފުލުހުންގެ ޑައިވަރުންގެ ޓީމެއް މިހާރު ބައިވެރިވި ނަމަވެސް، ދިވެހި ޑައިވަރުން މާ ފުނަށް ފީނުމުގެ ބަދަލުގައި ކުރާނީ ހަމައެކަނި ބޭނުންތެރި "ރިކްރިއޭޝަނަލް ސްކޫބާ ޑައިވްތައް" އެކަނި ކަމަށެވެ. ހޮހަޅައިގެ މާ ފުން ސަރަހައްދުތަކަށް ކުރަންޖެހޭ ބުރަ ޑައިވްތައް ކުރާނީ އެކަމުގެ ޚާއްސަ އިކުއިޕްމަންޓާއެކު އައިސްތިބި ފިންލެންޑުގެ ތަޖުރިބާކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު މިއަދު ބޮޑަށް ކުރިއަށް ދާނީ ސައިޓް ބަލައި، ބޭރުގެ ޓީމުތަކާއެކު ސައިޓަށް އަހުލުވެރިވުމުގެ މަސައްކަތްތައް ކަމަށްވާތީ، މިއަދު މާ ފުން ބޮޑެތި ޑައިވްތަކެއް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފީނަން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ 5 މީހަކު ގެއްލުނުއިރު، އޭގެ ތެރޭގައި ހިމެނޭ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ވަނީ 60 މީޓަރު އަޑިން ފެނިފަ އެވެ. ބާކީ ތިބި 4 ޑައިވަރުން ވީ ކަމަށް ލަފާކުރެވެނީ 200 ފޫޓު ދިގު އެ ހޮހަޅައިގެ އެތެރޭގަ އެވެ. ރާއްޖޭގައި އާންމުކޮށް ފީނަން ހުއްދަ އޮންނަނީ 30 މީޓަރާ ހަމައަށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް މުރާޖައާކުރުމުގެ ގޮތުން އެ ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ.
ބާވެ ހަލާކުވާ ނޫޓުތަކަށް މަރުކަޒީ ބޭންކުން ކުރަނީ ކީއް!
ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓް ކައިރިއަށް ޑްރޯން ހަމަލާއެއް