މިމަހުގެ 14 ވަނަ ދުވަހު ވ. އަލިމަތާ ކައިރި ކަނޑުއަޑީގެ ކޭވްއަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ކޭވް ތެރެއިން މިއަދު ހޯދައިފި އެވެ.
އެމްއެންޑީއެފް އިން ދެންމެ ބުނީ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކޮށްފައިވާ ކަމަށެވެ. އަދި ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ފެނިފައި ވަނީ އެ މީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށާއި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަން ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށީ މިއަދު އެވެ.
މި އޮޕަރޭޝަން އަލުން މި ފެށީ، ރާއްޖޭގެ ރެސްކިއު ޓީމާއި، މިކަމަށް ޚާއްސަކޮށް ރާއްޖެ އައިސްފައިވާ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މުހިންމު މަޝްވަރާތަކަށް ފަހު އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު، ދިވެހި ޑައިވަރުންގެ ސަލާމަތަށް ވަނީ ވަރަށް ބޮޑަށް ވަނީ އިސްކަންދީފައި ކަމަށް ސަރުކާރުން ބުންޏެވެ.
ފީނަން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ 5 މީހަކު ގެއްލުނުއިރު، އޭގެ ތެރޭގައި ހިމެނޭ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ވަނީ 60 މީޓަރު އަޑިން ފެނިފަ އެވެ. ބާކީ ތިބި 4 ޑައިވަރުން ވީ ކަމަށް ލަފާކުރެވެނީ 200 ފޫޓު ދިގު އެ ހޮހަޅައިގެ އެތެރޭގަ އެވެ. ރާއްޖޭގައި އާންމުކޮށް ފީނަން ހުއްދަ އޮންނަނީ 30 މީޓަރާ ހަމައަށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް މުރާޖައާކުރުމުގެ ގޮތުން އެ ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ.
ރާޅާ އަޅަން އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ޔޫސުފް ވަހީދު، އެޗްޑީސީގެ ބޯޑުން ވަކިކޮށްފި