ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައެއްގައި ގެއްލުނު އިޓަލީގެ ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފި އެވެ.
މިދިޔަ ދުވަސްތަކުގައި ކުރިއަށް ގެންދިޔަ ހޯދުމުގެ މަސައްކަތުގެ ތެރެއިން، ހޮހަޅައިގެ އެންމެ އެތެރޭގައި ތިބި ހަތަރު ޑައިވަރުން އިއްޔެ ވަނީ ފެނިފަ އެވެ. މި ހަތަރު މީހުންނަކީ ހާދިސާ ހިނގި ދުވަހު ގެއްލުނު މީހުންނެވެ.
މި އޮޕަރޭޝަން ލީޑްކުރަމުން އަންނަ ޑައިވަޒް އެލާޓް ނެޓްވޯކް (ޑޭން) އިން ހާމަކޮށްފައިވާ ގޮތުގައި، މި ޑައިވަރުން ފެނިފައިވަނީ އެކަމަށް ހާއްސަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ކުރި މަސައްކަތުންނެވެ. އިއްޔެ މެންދުރު 12:20 ގައި ފެށި މި ހަރަކާތް ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފް ކޯސްޓް ގާޑާއި، ފުލުހުންނާއި، އިޓަލީ ސަރުކާރުން ހަމަޖެއްސި ތަޖުރިބާކާރުންގެ ޓީމު ގުޅިގެންނެވެ. ރޭވިފައިވާ ގޮތުން، ބާކީ ތިބި ދެ ޑައިވަރުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދާނެ އެވެ.
މި އޮޕަރޭޝަނަކީ ކަނޑުއަޑީގެ ބިރުވެރި އަދި އުނދަގޫ ހާލަތެއްގައި ކުރިއަށް ގެންދާ މަސައްކަތަކަށްވާއިރު، އެންމެ އިސްކަމެއް ދެނީ ރައްކާތެރިކަމާއެކު ހަށިގަނޑުތައް ނެގުމަށެވެ.
މި ހާދިސާއާ ގުޅިގެން މީގެ ކުރިން ކުރިއަށް ގެންދިޔަ ހޯދުމުގެ މަސައްކަތެއްގެ ތެރޭގައި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މަސައްކަތްތައް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަމާއެކު އިއްޔެ ހެނދުނު އަލުން އޮޕަރޭޝަން ވަނީ ފަށާފަ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ޑައިވަރުން ދަތުރުކުރި އެމްވީ ޑިއުކް އޮފް ޔޯކް އުޅަނދުގެ އޮޕަރޭޓިން ލައިސަންސް ސަސްޕެންޑްކޮށްފަ އެވެ.
ފަހި ފްލެޓަކުން އާއިލާއެއް ނެރުން ހުއްޓާލަން ކޯޓުން އަމުރުކޮށްފި
މި އަހަރު ނިމުމުގެ ކުރިން މި ސަރުކާރު ބަދަލުކުރަންޖެހޭ: ނަޝީދު
