ބޭސް ލިބުމުގައި ހުރި ދަތިކަމަށް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅު ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ގިނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދި އެވެ. އެކަމަކު އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އާންމުންގެ އުންމީދުތަކާ އެއްވަރަށް ކުންފުނީގެ މަސައްކަތްތައް ފެށިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ކުންފުނި އިދާރީގޮތުން ހަމަޖެހި، ރަސްމީކޮށް ބޭސް އެތެރެކުރުމުގެ އޮޕަރޭޝަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ހޭދަވިއިރު، އެ މުއްދަތުގެ ތެރޭގައި ވެސް ފާމަސީތަކުން ބޭސް ހޯދުމުގައި އާންމުން އުފުލަންޖެހުނު ތަކުލީފުތަކަށް މާ ބޮޑު ލުޔެއް ލިބިފައެއް ނުވެ އެވެ.
ކަން އެހެން އޮއްވައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވިދާޅުވީ މިކަމަށްޓަކައި ސަރުކާރުން އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" (ސްޓޭޓް ފާމާ) އިން މިހާރު ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނުގެ އެންމެ ބޮޑު އިސްކަމަކީ ދިގު މުއްދަތަށް ބޭސް ބޭނުންކުރަން ޖެހޭ ބަލިމީހުންނަށް އެއްވެސް މެދުކެނޑުމެއް ނެތި ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް އެތެރެކުރުމުގެ ޒިންމާ މިހާތަނަށް އުފުލަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، މި ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސްޓޭޓް ފާމާގެ ދަށަށް މި ހުރިހާ މަސައްކަތްތަކެއް ބަދަލުކުރުމުގެ އިންތިޒާމުތައް މިހާރު ދަނީ ކުރިއަށެވެ. އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން، އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ފާމަސީތަކާއި ބޭސް އެތެރެކުރުމުގެ މަސައްކަތް ރަސްމީކޮށް އާ ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ.
މަދޫރީއާއި ޓްރިޕްތީ ފެނިގެންދާ "މާ ބެހެން"ގެ ޓްރެއިލާ ނެރެފި
"ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނެގުމުގެ ފުރުސަތެއް ނުދޭނަން"