ރައީސް މުހައްމަދު މުއިއްޒު ބޭނުންނުވާ އެއްވެސް ކަމެއް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެނެޓުގަ އާއި ލީޑާޝިޕްގެ ތެރޭގައި ނުހިނގާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ސެނެޓުގެ އެންމެ ފަހު ބައްދަލުވުމުގައި ކޮންގްރެސް ބޭއްވުމުގެ ހުރިހާ ބާރެއް ލީޑަޝިޕަށް ދިނުމަށް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުން ބޭރުކޮށްލައި، އާންމު މެންބަރުންގެ ތެރެއިން ބަޔަކު ހިމެނޭ ކޮމިޓީއަކުން ކޮންގްރެސްގެ އިންތިޒާމުތައް ކުރިއަށް ގެންދަން ނިންމައި އެ ކޮމިޓީ އެކުލަވާލި ވާހަކަ އަދަދު ބައެއް ނޫސްތަކުތައި ރިޕޯޓްކުރި އެވެ.

ނޫސްތަކުގައި އެ ވާހަކަ ރިޕޯޓްކުރުމުން އެގޮތަށް ހުށަހަޅައި ފާސްނުވިކަން ފަލާހު ދޮގެއް ނުކުރެ އެވެ. އޭގެބަދަލުގައި ވިދާޅުވީ ރައީސް މުއިއްޒު ދެކެ ވަރަް ލޯބިވާ ކަމަށާއި އެމަނިކުފާނު ބޭނުންނުވާ އެއްވެސް ކަމެއް ޕާޓީތެރޭގައި ނުހިނގާނެ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ފަލާހު ވިދާޅުވީ ރައީސް މުއިއްޒު އިސްކުރާނީ ޕާޓީގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކާއި މަޝްވަރާގެ ރިވެތި ސިފަ ކަމަށެވެ.

"ރައީސް މުއިއްޒު ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކިކަމެއްވަކި ގޮތަކަށް ކުރައްވާކަށް ހުށަނާޅުއްވާ. މުޅި ބައްދަލުވުމުގައިވެސް ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް،" ފަލާހު ވިދާޅުވި އެވެ.

ޕީއެންސީގެ ސެނެޓް މެންބަރަކު ކިޔައިދިންގޮތުގައި ދާދި ފަހުން ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި ރައީސް މުއިއްޒު ހުށަހެޅުއްވީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއްނުވި ކަމަށް އެ މެންބަރު ވިދާޅުވި އެވެ.