މިއަދަކީ މި އަހަރުގެ ބަރަކާތްތެރި ހައްޖު ދުވަހެވެ. އަހަރު ތެރޭގައި އަންނަ އެންމެ މާތް ދުވަހެވެ. އެ ދުވަހެއްގައި އެންމެ ގިނަ މީހުން ނަރައްކައިން މިންޖު ކުރައްވައި ދެ އަހަރު ދުވަހުގެ ފާފަ ފުއްސަވާ ދުވަހެވެ.
މިއީ ހަމައެކަނި ހައްޖުވެރިންނަށް އޮތް ދުވަހެއް ނޫނެވެ. ހައްޖުގެ ނަސީބު ނުލިބުނު މުސްލިމުންނަށް ވެސް މި ދުވަހުގެ ދަރުމައާއި ސަވާބު ހޯދޭނެ އެތައް ގޮތެއްވެ އެވެ.
1. ރޯދަ ހިފުން
ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާ މީހުންނަށް ހައްޖު ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ގޮތުގައި، އަރަފާތު ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުހެވިގެންދާނެ ކަމެކެވެ.
2. ގިނަގިނައިން ދުއާ ކުރުން
މިއީ އަހަރުގެ އެންމެ މާތް ދުއާގެ ދުވަހެވެ. އެހެންކަމުން އަމިއްލަ ނަފްސަށާއި، އަނބިދަރިންނަށާއި، މައިންބަފައިންނަށާއި، އަދި މުޅި އިސްލާމީ އުންމަތަށް ހެޔޮ ދުއާ ކުރުން ގިނަ ކުރަންވާނެ އެވެ. ހާއްސަކޮށް އިރުއޮއްސެން ކައިރިވާ ވަގުތު ދުއާ ކުރުމަށް އިސްކަން ދޭށެވެ.
3. ތަހުލީލާއި، ތަސްބީހައާއި، ތަހްމީދު ގިނަކުރުން
لَا إِلٰهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَىٰ كُلِّ شَيْءٍ قَدِير
މިއަދުގެ ހުރިހާ ވަގުތެއްގައި ވެސް މަތީގައިވާ ޒިކުރު ކިޔުން މަތީ ހޭދަ ކުރާށެވެ. ދުލު ކުރީގައި މިއަދު އޮންނާނީ ތަހުލީލުގެ މި ބަސްތަކެވެ.
4. ކީރިތި ޤުރުއާން ކިޔެވުން
ދުވަހުގެ ވަގުތުތައް ބޭކާރު ކަންކަމުގައި ދުއްވާ ނުލައި މާނައާއެކު ގުރުއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރާށެވެ. މިއީ ހިތަށް ދިރުމާއި ސަވާބު އިތުރު ކޮށްދޭނެ ކަމެކެވެ.
5. ތަކުބީރު ކިޔުން
ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ތަޝްރީޤު ދުވަސްތަކުގެ ނިޔަލަށް ކޮންމެ ފަރުޟު ނަމާދަކަށްފަހު ތަކުބީރު ކިޔުމަކީ ގަދަ ވެގެންވާ ސުންނަތެކެވެ.
6. ފާފަ ފުއްސެވުން އެދި ތައުބާވުން
އަރަފާތް ދުވަހަކީ ނަރަކައިން އެންމެ ގިނަ ބަޔަކު މިންޖު ކުރައްވާ ދުވަހެވެ. އެހެންކަމުން، އިހްލާސްތެރިކަމާއެކު ކުރެވިފައިވާ ފާފަތަކަށް ދެރަވެ، އިސްތިޣްފާރުކޮށް ތައުބާ ވާންވީ ދުވަހަކީ މިއީ އެވެ.
7. ސަދަގާތް ކުރުން
މި ބަރަކާތްތެރި ދުވަހު ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ސަދަގާތް ކުރުމަކީ އެކަމުން ލިބޭ ދަރުމަ އެތައް ގުނައަކަށް އިތުރު ވެގެންދާނެ ކަމެކެވެ.. އެއީ ފައިސާއިން ނުވަތަ ކާއެއްޗަކުން ވިޔަސްމެ އެވެ.
8. ފަރުޟު ނަމާދުތަކަށް ރައްކާތެރިވުން އަދި ސުންނަތް ނަމާދު ގިނަކުރުން
ޖަމާއަތުގައި ނަމާދު ކުރުމަށް ސަމާލުކަންދީ ރަވާތިބު ސުންނަތްތަކާއި ޟުހާ ނަމާދާއި އަދި ރޭ އަޅުކަން ފަދަ އިތުރު ސުންނަތް ނަމާދުތަކުން ދުވަސް ފުރާލާށެވެ.
9. ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމާއި ރަޙިމުގެ ގުޅުން އާކުރުން
މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކުރުން ނުވަތަ ހާލު ބެލުމަކީ މިފަދަ މާތް ދުވަހެއްގައި ސަވާބު އިތުރުވާނެ އިޖުތިމާއީ ހެޔޮ އަމަލެކެވެ. މައިންބަފައިން ދުނިޔޭގައި ނެތްނަމަ އެ މީހުންނަށްޓަކައި ގިނަ ގިނައިން ދުއާ ކުރާށެވެ.
10. ދުލާއި ގުނަވަންތައް ފާފަތަކުން ރައްކާތެރިކުރުން
ޣީބަ ބުނުމާއި، ދޮގު ހެދުމާއި، މީސްމީހުންނާ ދިމާލަށް ހުތުރު ބަސް ބުނުމުން ދުރުހެލި ވާންޖެހެ އެވެ. ލޮލާއި، ކަންފަތާއި، ދޫ ހަރާމް ކަންކަމުން ދުރުހެލިކޮށް ހެޔޮ ގޮތުގައި ހިފެހެއްޓުމަކީ މި ދުވަހުގެ ބަރަކާތް ލިބުމުގެ އަސްލެކެވެ.
މިއީ ހަމައެކަނި ޙައްޖުވެރިންނަށް އޮތް ދުވަހެއް ނޫނެވެ. ރަށުގައި ތިބޭ މީހުންނަށްވެސް މި ހުރިހާ ހެޔޮ ޢަމަލެއް ކުރުމުގެ ފުރުޞަތު އޮވެއެވެ. ވީމާ، ދުވަހުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ!
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް އޯވީއެސް
"ރައީސްގެ ހުށަހެޅުމަކަށް ސެނެޓުން ނޫނެކޭއެއް ނުބުނާނެ"
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި