މި ފަހަރުގެ އީދަށް ސަރުކާރުން އެއްވެސް ރަށެއްގައި ބޮކިފަތި ދިއްލުމުގެ ހަރަކާތެއް ކުރިއަށް ނުގެންދާކަން އެނގިއްޖެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މިފަހަރު އެފަދަ ކަމެއް ކުރަން ނިންމައި އެ ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ.

"މިފަހަަރު ވެސް ބޮކިފަތި ގަންނަން ބަޖެޓްކުރި. ނަމަވެސް މިނިސްޓްރީ އުވާލުމުން މިހާރު އެކަން ގޮސްފައި އޮތް ހިސާބެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެ އޮފިޝަލް ވިދާޅުވީ މިފަހަރު އީދަށް ދިއްލަން ބޭނުންނަމަ ސިޓީ ކައުންސިލްތަކަށް އެކަން ކުރެވޭނެ ކަމަށެވެ.

"މީގެ ކުރިން ގަނެފައި ހުރި ބޮކިތައް ހުންނާނެ ރަށްރަށުގައި. އެ ބޮކިތައް ހުންނާނީ ކައުންސިލްގެ ބެލުމުގެ ދަށުގައި،" އޭނާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް ބޮކިފަތި ދިއްލުމުގެ ކަންކަން މީގެކުރިން ކުރަމުން އައީ މިހާރު އުވާލާފައިވާ ލޯކަލް ގަވާމެންޓް މިނިސްޓްރީންނެވެ. އޭރުގެ މިނިސްޓަރު އާދަމް ޝަރީފްގެ ބެއްލެވުމުގެ ދަށުން ވަރަށް އިންތިޒާމްވެގެން އެ ހަރަކާތް މީގެ ކުރިން ކުރިއަށް ގެންދިޔަ އެވެ.

މިހާރު އެ މިނިސްޓްރީ އުވާލާފައިވުމުން ބޮކިފަތި ދިއްލުމުގެ ކަންކަން ރައީސް މުއިއްޒު ހަވާލުކުރެއްވީ ކޮން މިނިސްޓްރީއަކާ ކަމެއް އަދި ސާފެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމްގެ ބަހެއް ހޯދަން ގުޅުމުން ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

"އީދު އަލީ"ގެ ނަމުގައި ބޮކިފަތި ދިއްލުމުގެ ހަރަކާތް އެންމެ ފުރަތަމަ ފެށީ 2024 ވަނަ އަހަރު އެވެ.

އެ ބިކިފަތިތައް ގަތީ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެންނެވެ. ނަމަވެސް އެތަކެތި ގަތް ގޮތުގެ ތަފްސީލު ހޯދުމަށް އާރްޓީއައި ހުށަހެޅުމުން ވެސް އެކަން ހާމަކޮށްފައެއް ނުވެ އެވެ. އެތަކެތި ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނަސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ނުބަލަ އެވެ.