ކުޑަކުދިންގެ އާ ހެދުންތަކާއި، އުދުހިޔާ ކަތިލުމަށް ބޭނުންވާ ކަންބަޅިތަކަކީ މުސްލިމުންގެ ބޮޑު އީދުގެ އުފާވެރިކަމުގެ ރަމްޒުތަކެވެ. ނަމަވެސް، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ގައްޒާގައި މި ތަކެތި ގަންނާނެ ތަނަވަސްކަމެއް ނެތުމާއި، ތަކެތި ލިބެން ނެތުމުގެ ސަބަބުން މިއަހަރުގެ އީދު ފެށިގެން އައީ މާޔޫސްކަމާއި އަނދިރިކަމުގަ އެވެ.

ގައްޒާގެ ރައްޔިތެއް ކަމަށްވާ ނާދިޔާ އަބޫ ޝަމާލާ އޭއެފްޕީއަށް ކިޔައިދިން ގޮތުގައި، ބާޒާރުގައި ތަކެތީގެ އަގުތައް ހުރީ އާންމު ރައްޔިތުންނަށް އަތްފޯރާ ފަށެއްގައެއް ނޫނެވެ. "އަހަރެން ބާޒާރަށް ދަނީ ހަމައެކަނި ބަލާލުމަށް. އަގު އަހާލާ ކޮންމެ ފަހަރަކު އެނބުރި އަންނަނީ ހިތްދަތިވެފައިވާ ހާލުގަ. ހަނގުރާމައާއި ބޮޑުތިލަވެފައިވާ އަގުތަކުގެ ސަބަބުން، ދަރިންނަށް ބޭނުންވާ އެންމެ އާދައިގެ ކަމެއް ވެސް މިއަދު ފުއްދައެއް ނުދެވޭ،" އުމުރުން 40 އަހަރުގެ ނާދިޔާ ބުންޏެވެ.

އދ. އިން ހާމަކުރާ ގޮތުގައި، ގައްޒާގެ އިމާރާތްތަކުގެ 80 އިންސައްތަ ވަނީ ހަނގުރާމައިގައި ހަލާކުވެފަ އެވެ. އަދި ގައްޒާއަށް ވަދެވޭ ހުރިހާ ދޮރުތަކެއް އިޒްރޭލުން ކޮންޓްރޯލް ކުރާއިރު، އެތެރެކުރާ މުދަލުގެ މިންވަރު މަދުވުމުން ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.

އީދުގައި އުދުހިޔާ ކަތިލުމަށް ބޭނުންވާ ޖަނަވާރުގެ އަގު ހުރީ މީގެ ކުރިން ދުވަހަކުވެސް ނުދާހާ މަތީގަ އެވެ. ގައްޒާގެ އެގްރިކަލްޗާ މިނިސްޓްރީގެ ތަރުޖަމާނު ރައުފަތު އަސަލިއްޔާ ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ކުރިން 1,000 ޝެކެލްއަށް ލިބުނު ކަންބަޅިއެއްގެ އަގު މިހާރު ހުރީ 11,000 އާއި 15,000 ޝެކެލްއާ ދެމެދުގަ އެވެ. ގައްޒާގެ އިގްތިސާދީ ހާލަތަށް ބަލާއިރު މިއީ އާދައިގެ ރައްޔިތަކަށް ފޯރާނެ އަދަދެއް ނޫނެވެ.

އަހުމަދު އަބޫ ސާލިމް ނަމަކަށް ކިޔާ ރައްޔިތަކު ބުނި ގޮތުގައި، މީގެ ކުރިން ކޮންމެ އަހަރަކު އުދުހިޔާ ކަތިލާ އާއިލާތަކަށް މިއަދު ދަރިންނަށް ކާންދޭނެ އެންމެ ކިލޯއެއްގެ މަސް ގަނެލެވޭނެ ތަނަވަސްކަން ވެސް ނެތެވެ.

ކާބޯތަކެތީގެ އިތުރުން، އީދަށް ހާއްސަ ފޮނިކާތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ގޭސް ވެސް ލިބެން ނެތުމުން، ގިނަ އާއިލާތަކުން ތިބީ މާޔޫސްވެފަ އެވެ. ބައެއް އާއިލާތަކުން ފޭލިގެތަކުގައި ވަގުތީ އުނދުން ހަދައިގެން އީދު ބިސްކޯދު ފިހެވޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެކަމުގައި ވެސް އޮތީ ތަކުލީފެވެ.

ގައްޒާގެ ރައްޔިތުން މިއަދު އީދު ފާހަގަކުރަމުން ދަނީ އުފާވެރި މާހައުލެއްގައެއް ނޫނެވެ. އޭގެ ބަދަލުގައި މުޅި ގައްޒާގައި އޮތީ ބަނޑުހައިހޫނުކަމާއި، ވަރުބަލިކަމާއި، މާދަމާއާމެދު އޮތް ބިރުވެރިކަމެވެ.