ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ކޭވްއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ޕްރޮފެސަރާއި އޭނާގެ ދަރިފުޅު މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށް ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.
އެ ގައުމުގެ ބައެއް ނޫސްތަކުން ބުނިގޮތުގައި މި ދެމައިން މަރުވާން މެދުވެރިވި ސަބަބެއް ކަމަށް އެ ޕްރިލިމިނަރީ ރިޒަލްޓް އިން ދައްކަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި ޑައިވިންގެ އެންމެ ހިތާމަވެރި ހާދިސާގައި މަރުވި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން 51، އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 23، ގެ ހަށިގަނޑު މިއަދު އެ މީހުންގެ އުފަން ރަށް ކަމަށްވާ ޖެނޯއާއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އެ ނޫހުގައިވާ ގޮތުން އެ ދެމައިންގެ އޮޓޮޕްސީ ހެދީ އިޓަލީގެ ގަލަރާޓޭ ހޮސްޕިޓަލުގަ އެވެ. އަދި ޕޯސްޓްމޯޓަމް ތަހުލީލުތަކަށްފަހު، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިމަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން، 31 އަހަރުގެ މުރިއެލް އޮޑެނީނޯ އާއި 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ އެވެ. މީގެ އިތުރުން އެ މީހުންގެ އިންސްޓްރަކްޓަރު، އުމުރުން 44 އަހަރުގެ ޖިއާންލޫކާ ބެނެޑެޓީ ވެސް ވަނީ މަރުވެފަ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރީ ޑޭން ޔޫރަޕްގެ ފިލްލޭންޑް ތިން ޑައިވަރެކެވެ.
މި ހާދިސާގައި މަރުވި ގިނަ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ހޮހަޅައިގެ ތިންވަނަ ބައިގެ ދޮރުމަތިން، ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ. ހަށިތައް ނެގުމުގައި ހަރަކާތްތެރިވި ޑައިވަރުން ބުނާ ގޮތުގައި، ހޮހަޅައިގެ ތެރޭގައި ހުރި ވެލިގަނޑެއްގެ ސަބަބުން ފެންގަނޑު ކިލަނބުވެ، ނުކުންނަ މަގު އޮޅި، ހާސްކަމުގެ ތެރޭގައި ހޮހަޅައިގެ ބެދިފައިވާ ދިމާލަކަށް އެ މީހުންނަށް ވަދެވުނީ ކަމަށް އެތަނަށް ކަމަށްވެ އެވެ.
އިޓަލީގެ ނޫސްތަކުން ބުނިގޮތުގައި އެ މީހުން އެތަނަށް ފޭބިއިރު އެފަދަ ނުރައްކާތެރި ތަނަކަށް ފީނުމަށް ބޭނުންވާ އެކަށީގެންވާ ސަލާމަތީ އާލާތްތައް ބޭނުންކޮށްފައެއް ނުވެ އެވެ.
އެތަނަށް ފޭބި ޑައިވަރެއް ކަމަށްވާ ސާމީ ޕަކަރިނެން، އިޓަލީގެ "ލަ ރިޕަބްލިކާ" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މަރުވި ޑައިވަރުން އެ ހޮހަޅައަށް ވަދެފައިވަނީ މަގު ދައްކައިދިނުމަށް ބޭނުންކުރާ "ގައިޑް ރޯޕް" ނުވަތަ "ޑައިވިން ރީލް" އާ ނުލައި ކަމަށެވެ.
އެ ހާދިސާގައި މަރުވި އެންމެންގެ ހަށިތައް އިޓަލީއަށް ފޮނުވީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
މުޅި ބޮލީވުޑުން ރަންވީރު ބޮއިކޮޓް ކޮށްފި
ލަންކާގައި ހަލުވިކާއެކު މެނިންޖައިޓިސް ފެތުރެނީ
52 ވަނަ އެމެރިކަން މިއުޒިކް އެވޯޑްސް ބާއްވައިފި