އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން އެމެރިކާއާއެކު ކުރަމުންދިޔަ މަޝްވަރާތައް މެދުކަނޑާލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އައިއާރުޖީސީ އާ ގުޅުންހުރި ނޫސް އެޖެންސީއަކުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއާއެކު ބަދަލުކުރަމުންދިޔަ މެސެޖުތައް އީރާނުގެ މަޝްވަރާ ޓީމުން ވަނީ ހުއްޓާލާފަ އެވެ. މިއީ ތިން މަސްދުވަހަށް ދެމިގެން ގޮސްފައިވާ އީރާނު ހަނގުރާމަ ހުއްޓުވުމަށް ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި، އީރާނާއި ޔަމަން، ލުބުނާން އަދި އިރާގުގައި ތިބި އީރާނުގެ ބައިވެރިން ހިމެނޭ ރެސިސްޓެންސް ފްރަންޓުން ވަނީ ހޮރްމޫޒް ކަނޑުއޮޅި މުޅިން ބަންދުކުރުމަށާއި، ބާބުލް މަންދަބު ކަނޑުއޮޅި ހިމެނޭހެން އެހެން ފްރަންޓްތައްވެސް ހަރަކާތްތެރި ކުރުވުމަށް އެޖެންޑާއެއް ކަނޑައަޅާފަ އެވެ. މިއީ އިޒްރޭލާއި އެ ގައުމަށް ވާގިވެރިވާ ފަރާތްތަކަށް އަދަބު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ.

ޔަމަނުގައި ތިބި އީރާނުގެ ބައިވެރިން ކަމަށްވާ ހޫތީން މި ހަނގުރާމައިގައި އާ ފްރަންޓެއް ހުޅުވައިފިނަމަ، އެންމެ ބޮޑު އަމާޒަކަށް ވާނީ ޔަމަނުގެ އައްސޭރިފަށުގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅި އެވެ. މިއީ ސުއޭޒް ކެނަލްއަށް ވަންނަ ކަނޑުގެ ދަތުރުފަތުރު ކޮންޓްރޯލްކުރާ މުހިންމު މަގެކެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ މިއަދު އެކްސްގައި ވިދާޅުވީ، ލުބުނާނުގައި ހިންގާ އުދުވާނަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށެވެ. އަދި މިފަދަ ކޮންމެ އަމަލަކުން ނުކުމެދާނެ ނަތީޖާއަކަށް އެމެރިކާއާއި އިޒްރޭލު ޒިންމާވާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އީރާނާއި ލުބުނާނުގެ ރައްޔިތުންނެވެ. އީރާނުން ތެލާއި ގޭސް ސަޕްލައިކުރާ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ހަކަތައިގެ އަގުތައް އުފުލި ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.

ތަސްނީމް ނޫސް އެޖެންސީން އިތުރަށް ބުނި ގޮތުގައި، ޣައްޒާއާއި ލުބުނާނުގައި އިޒްރޭލުގެ އަނިޔާވެރި ސިފައިން ހިންގާ އުދުވާނުތައް ވަގުތުން ހުއްޓާލުމަށާއި، ލުބުނާނުގެ އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކުން އެ ގައުމުގެ ސިފައިން ފޭބުމަށް އީރާނުގެ އޮފިޝަލުން ވަނީ ބާރުއަޅުއްވާފަ އެވެ. އަދި މިކަމުގައި އީރާނާއި ބައިވެރިންގެ ޝަރުތުތައް ފުރިހަމަވަންދެން އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.