އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް، ދެކުނު ކެލިފޯނިއާގެ އެޑްވާޑްސް އެއާފޯސް ބޭހުން އުދުއްސާލި ވަގުތު ވެއްޓި، އޭގައި ތިބި އަށް މީހުން މަރުވެއްޖެ އެވެ. މަރުވި މީހުންގެ ތެރޭގައި ބޯއިންގް ކުންފުނީގެ ދެ މުވައްޒަފަކުވެސް ހިމެނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އެ ގައުމުގެ ގަޑިން 11:20 ގައެވެ. މި ބޯޓު ވެއްޓުނީ އާންމުކޮށް ކުރިއަށްގެންދާ ޓެސްޓު ދަތުރެއްގެ ތެރެއިންނެވެ. ބޯޓު ވެއްޓުމާއެކު އެ ސަރަހައްދުން ބޮޑު ދުން ގަނޑެއް އަރަމުންދިޔަ މަންޒަރު އެތައް މޭލެއްގެ ދުރަށް ފެންނަން ހުއްޓެވެ.
ކާނަލް ޖޭމްސް ހޭއިސް ވިދާޅުވި ގޮތުގައި، މިއީ އެޑްވާޑްސް އެއާފޯސް ބޭހަށް ކުރިމަތިވި ވަރަށް ހިތާމަވެރި ހާދިސާއެކެވެ. މަރުވި އަށް މީހުންގެ ތެރޭގައި ސިފައިންނާއި، ސަރުކާރުގެ މަދަނީ މުވައްޒަފުންގެ އިތުރުން ސަރުކާރަށް ހިދުމަތްދޭ ކޮންޓްރެކްޓަރުން ހިމެނެއެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާކަމަށް އިބްތިދާއީ ރިޕޯޓްތަކުން ދައްކާކަމަށް އެއާފޯސް ބޭހުން ވަނީ ހާމަކޮށްފަ އެވެ. ހޭއިސް ވިދާޅުވީ މަރުވި މީހުންގެ އާއިލާތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމީހުންގެ ވަނަވަރު ހާމަކުރާނީ އާއިލާތަކަށް އެންގޭތާ 24 ގަޑިއިރު ފަހުން ކަމަށެވެ.
ބޯޓު ވެއްޓިފައިވަނީ އެއާފޯސް ބޭހުގެ ރަންވޭ ސަރަހައްދަށް ކަމަށާއި، މި ހާދިސާއާ ގުޅިގެން އެ ބޭހުގެ އޮޕަރޭޝަންތައް ވަގުތީގޮތުން ވަނީ މެދުކަނޑާލާފަ އެވެ. މި ބޯޓަކީ އެ ބޭހުގެ ރާޑަރު ޒަމާނީ ކުރުމުގެ ޕްރޮގްރާމަށް އެހީތެރިވުމަށް ބޭނުންކުރި ބޯޓެކެވެ. ބޯޓު ވެއްޓުމާއެކު ވަނީ އަލިފާން ރޯވެފަ އެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގުތައް ފަށާފައިވާއިރު، މީގެ ފުރަތަމަ މަރުހަލާ ނިމުމަށް 30 ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. އަދި ފުރިހަމަ ތަހުގީގެއް ނިންމުމަށް ހަ މަހަށްވުރެ ގިނަ ދުވަސް ހޭދަވެދާނެ ކަމަށް ހޭއިސް ވިދާޅުވި އެވެ.
ބޯއިންގް ކުންފުނިން ނެރުނު ބަޔާނެއްގައި، އެ ކުންފުނީގެ ދެ މުވައްޒަފަކު މި ހާދިސާގައި މަރުވިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
ބީ-52 ސްޓްރެޓޯފޯޓްރެސް މަރުކާގެ ބޯޓުތަކަކީ 1950 ގެ އަހަރުތަކުން ފެށިގެން އެމެރިކާ ސިފައިން ބޭނުންކުރަމުން އަންނަ ބޯޓުތަކެކެވެ.
މި ބޯޓަކީ ދުރު ރާސްތާއަށް ބޮން އެޅުމަށް ބޭނުންކުރާ ބޯޓެކެވެ. އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައިވެސް މި ބޯޓު ބޭނުންކުރަމުންދެއެވެ. މި ބޯޓަށް 50،000 ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިގެންވާއިރު، ގާތްގަނޑަކަށް 32,000 ކިލޯގްރާމްގެ ހަތިޔާރު އުފުލުމުގެ ކުޅަދާނަކަން ހުރެއެވެ. އޭގެ ތެރޭގައި އާދައިގެ ބޮމުގެ އިތުރުން ނިއުކްލިއާ މިސައިލްވެސް ހިމެނެއެވެ.
މި ބޯޓަކީ އުދުހެމުންދާއިރު ތެޔޮ އެޅޭ ބޯޓަކަށް ވުމުން، ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ހަމަލާދިނުމުގެ ގާބިލުކަން މީގެ ސަބަބުން ލިބިދެއެވެ. އާންމުގޮތެއްގައި މި ބޯޓުތަކުގައި ފަސް މީހުންގެ ކުރޫއެއް ތިބެއެވެ.
ޖަރުމަނު ވޯލްޑް ކަޕް ފެށި ހަތް ލަނޑާއެކު
ކޭޕް ވާޑްއިން ޔޫރަޕްގެ ޗެމްޕިއަން ހިފަހައްޓައިފި
އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ