ކެއިންބުއިމުގެ އާދަތަކާއި ކާއެއްޗެހި ހަޖަމުވުމުގެ ނިޒާމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ދޭތެރެއަކުން ބަނޑު ހަރުވުމަކީ ކޮންމެ މީހަކަށްވެސް ދިމާވާ ކަމެކެވެ.
ގިނަ ފަހަރަށް މިއީ ފެންބުއިން މަދުވުމުން ނުވަތަ ކާބޯތަކެތީގެ އާދަތަކަށް އަންނަ ބަދަލަކުން ދިމާވާ ވަގުތީ ކަމެކެވެ. ނަމަވެސް، ބަނޑުހިކުމުގެ މައްސަލަ ހަފުތާތަކަކަށް ދިގުލައިގެންގޮސް، ދިރިއުޅުމުގެ އާދަތައް ބަދަލު ކުރުމުންވެސް ރަނގަޅުނުވާނަމަ، އެއީ ފަރުވާކުޑަ ކޮށްގެންވާނެ ކަމެއް ނޫނެވެ.
ގޭސްޓްރޯއެންޓްރޮލޮޖިސްޓްއެއް ކަމަށްވާ ޑރ. އަދީލް ފާރޫގް މާލިކް ވިދާޅުވިގޮތުގައި، ދިގު މުއްދަތަކަށް ބަނޑު ހަރުވަނީ ހަމައެކަނި ކާބޯތަކެތީގެ ސަބަބުންނެއް ނޫނެވެ.
ބައެއް ފަހަރު މިއީ ބޮޑު ގޮހޮރުގެ (ކޮލޯން) މަސައްކަތް ބަލިކަށިވުމުގެ ސަބަބުން ދިމާވާ "ސްލޯ ޓްރާންސިޓް ކޮންސްޓިޕޭޝަން" ކިޔާ ބައްޔެއްގެ އަލާމާތެކެވެ..
މި ބަލީގައި ބޮޑު ގޮހޮރުގެ މަސްތަކާއި ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލަ އަކުން، ބޮޑުކަމުދާ ތަކެތި ކުރިއަށް ކޮއްޕައިދޭން ގޮހޮރުން ކުރާ ހަރަކާތްތައް ވަރަށް ބޮޑަށް ލަސްވެ އެވެ.
މީގެ ސަބަބުން ބޮޑުކަމުދާ ތަކެތި ގޮހޮރުގެ ތެރޭގައި ގިނައިރު ހުންނަން ޖެހި، ފެން ހިކި، ހަރުވެ، ބަނޑުހިކުމުގެ މައްސަލަ ބޮޑުވެ އެވެ. މިއީ ފައިބަރު ގިނައިން ހުންނަ ކާނާ ކެއުމުން ނުވަތަ ފެން ގިނައިން ބުއިމުންވެސް ހައްލުނުވާ ހާލަތެކެވެ.
ބަނޑުހިކުމާއެކު ތިރީގައިވާ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.
- ބަނޑުގައި ވަރަށް ބޮޑަށް ރިއްސުން: ބަނޑުހިކުމުން އާދައިގެ އުނދަގޫތަކެއް ވީނަމަވެސް، ކެތްނުކުރެވޭ ވަރަށް ބަނޑުގައި ރިއްސާނަމަ އެއީ ގޮހޮރު ބެދުން ފަދަ ނުރައްކާތެރި ކަމެއްގެ ނިޝާނަކަށް ވެދާނެ އެވެ.
- ބޮޑުކަމުދާއިރު ލޭ އައުން: ބޮޑުކަމުދާ ތަކެތީގައި ލޭ ހުރުން ނުވަތަ ކަޅުކޮށް ހުރުމަކީ ގޮހޮރުގެ އެތެރޭގައި ފާރުވުން ނުވަތަ ގޮހޮރުގެ ކެންސަރުގެ ކުރީކޮޅުގެ އަލާމާތަކަށް ވެދާނެ އެވެ.
- ހުންއައުމާއި ހޮޑުލުން: ބަނޑުހިކުމާއެކު ހުންއައިސް ހޮޑުލެވޭނަމަ، އެއީ ގޮހޮރުގައި އިންފެކްޝަނެއް އުފެދުން ނުވަތަ ހަޖަމުނުވެ ހުރި ތަކެތި ފަހަތަށް ފުރޭނިގެން އައުމުގެ ސަބަބުން ދިމާވާ ކަމެކެވެ.
- ލޭގެ މިންވަރު ދަށްވުން ނުވަތަ ބަރުދަން ލުއިވުން: އެއްވެސް ސަބަބަކާ ނުލައި ހަށިގަނޑުން ލޭދަށްވުން އަދި ކުއްލިއަކަށް ބަރުދަން ލުއިވުމަކީ ގޮހޮރުގެ ސެލްތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމުގެ ހެއްކެކެވެ.
- ބަނޑު ފުރުމާއި އަބަދު ފާހާނާއަށް ދާންޖެހޭ ކަމުގެ އިހުސާސް ކުރެވުން: ފާޚާނާ ކުރެވުމުންވެސް ބަނޑު އެއްކޮށް ހުސްނުވާހެން ހީވުމާއި، ބަނޑު ފޮއްސިވެފައި ހުރުން.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން (ގިނައިރު އިށީނދެގެން އިނުން، ސްޓްރެސް ބޮޑުވުން، އަދި ނިދި މަދުވުން) މި ބަލި ޖެހުމަށް މަގުފަހިވެ އެވެ. އަދި ބޮޑުކަމުދާން ހެދުމުން އެކަން ހިފަހައްޓައިގެން ގިނައިރު އިނުމަކީ ގޮހޮރުގެ ގުދުރަތީ ރިފްލެކްސް ބަލިކަށި ކޮށްލާ ކަމެކެވެ.
މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އާއްމުކޮށް ބަނޑު ހަރުވާނަމަ އަމިއްލައަށް ބޭސް ކެއުމުގެ ބަދަލުގައި، ލަސްނުކޮށް ގޭސްޓްރޯއެންޓްރޮލޮޖިސްޓެއްގެ އެހީތެރިކަން ހޯދައި، ގޮހޮރުގެ ހާލަތު ދެނެގަތުން މުހިއްމެވެ.
ބައެއް ހާލަތްތަކުގައި މި ބައްޔަށް ބޭހުންނާއި ކަސްރަތުން ފަރުވާ ކުރެވޭއިރު، ވަރަށް ސީރިއަސް ހާލަތްތަކުގައި ސާޖަރީ ހަދަންވެސް ޖެހެ އެވެ.
ފްލައިނާސް އިން ވީއައިއޭއަށް ދަތުރުތައް ފަށައިފި
ރިޑަންޑަންސީ ޕެކޭޖާއެކު 97 މުވައްޒަފުން ވަކިވާން ހުށަހެޅި: ފެނަކަ