ވޯލްޑް ކަޕް ފެށިގެން ކުރިއަށް ދާއިރު މިފަހަކަށް އައިސް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއްކަމަކީ އިނގިރޭސި ވެޓެރަން ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އާއިލީ ހަޔާތެވެ.
ބެކަމްގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު ބްރޫކްލިންގެ ގުޅުން ގޯސްވެ މިއަހަރުގެ ޖެނުއަރީ މަހު ބްރޫކްލިން ވަނީ އޭނާގެ މައިންބަފައިންނާ ގުޅުން ކަނޑާލާފަ އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ދިގު ބަޔާނެއްގައި އުމުރުން 26 އަހަރުގެ ބްރޫކްލިން ބުނެފައިވަނީ އޭނާގެ އާއިލާގެ ކަންކަން ސިއްރުގެ ގޮތުގައި ބެހެއްޓުމަށް އަހަރުތަކެއް ވަންދެން ހޭނެތި މަސައްކަތް ކުރި ނަމަވެސް، އޭނާގެ މައިންބަފައިންނާއި އެމީހުންގެ ޕީއާރް ޓީމުން މީޑިއާތަކަށް ދޮގު މައުލޫމާތު ފަތުރަމުންދާތީ ހަގީގަތް ހާމަކުރަން މަޖުބޫރުވީ ކަމަށެވެ.
ބްރޫކްލިންގެ އެ ބަޔާނުގައި އާއިލާއާ މެދު ވަރަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަކީ:
- ނަމުގެ ހައްގުތައް އަތުލަން އުޅުން: ބްރޫކްލިންާއި ނިކޮލާ ޕެލްޓްޒްގެ ކައިވެނީގެ ހަފުތާތަކެއް ކުރިން، ބްރޫކްލިންގެ ނަމުގެ ބްރޭންޑް ހައްގުތައް އާއިލާއަށް ދިނުމަށް އެދި ރިޝްވަތުދީ، މަޖުބޫރު ކުރަން ޑޭވިޑް އާއި ވިކްޓޯރިއާ މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތު ކުރި އެވެ. އެކަމަށް އިންކާރު ކުރުމުން އާއިލާއިން އޭނާއާ މެދު ބާއްވާ ގުޅުން ބަދަލުވި ކަމަށް ބުންޏެވެ.
- ކައިވެނީގެ ހަފުތާގެ ހަމަނުޖެހުން: ކައިވެނީގެ ހަފުތާގައި، ބްރޫކްލިންގެ މަންމަ ވިކްޓޯރިއާ އޭނާއަކީ "ނުލަފާ" މީހެއްގެ ގޮތުގައި ސިފަކުރި ކަމަށާއި، ކައިވެނީގެ ފުރަތަމަ ނެށުން ވިކްޓޯރިއާ ހައިޖެކް ކުރި ކަމަށް ބުންޏެވެ. އާއިލާއިން ނިކޮލާއަކީ އެމީހުންގެ "ލެޔެއް ނޫން" ކަމަށް ބުނެ ދެރަ ކޮށްލި ކަމަށްވެސް ބުންޏެވެ.
- 'ބްރޭންޑް ބެކަމް' ކުރިއަށް ނެރުން: އާއިލާގެ ތެރޭގައި އޮންނަ ލޯތްބަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ދައްކާލުމަށާއި، ބެކަމް ބްރޭންޑް ކުރިއެރުވުމަށް އޮންނަ ކަމެއްގެ ގޮތުގައި ބްރޫކްލިން ސިފަކުރި އެވެ.
ބްރޫކްލިން އިތުރަށް ބުނިގޮތުގައި، އޭނާގެ މުޅި ހަޔާތް ކޮންޓްރޯލް ކުރަމުން އައީ އޭނާގެ މައިންބަފައިންނެވެ. އެކަމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް އެންޒައިޓީއާ ކުރިމަތިލާން ޖެހުނު ކަމަށާއި، ނަމަވެސް އާއިލާއާ ދުރަށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ބަޔާނާ ގުޅިގެން ޑޭވިޑް ބެކަމް އަދި ވިކްޓޯރިއާގެ ފަރާތުން ރަސްމީކޮށް މިހާތަނަށް ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މި މައްސަލަގަނޑުގެ ތެރެއިން ބްރޫކްލިންގެ ކޮއްކޮމެން ކަމަށްވާ ރޮމެއޯ އާއި ކުރޫޒް ވަނީ ސޯޝަލް މީޑިއާއިން ބްރޫކްލިން ބްލޮކް ކޮށްފަ އެވެ.
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
މިސްރަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު، އީރާނަށް ޕޮއިންޓެއް
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ