ގިނަ ފަހަރަށް އަހަރެމެންނަށް ހަށިގަނޑުގައި ހުންނަ ކުދިކުދި މައްސަލަތަކާ މެދު މާބޮޑު ސަމާލުކަމެއް ނުދެވެ އެވެ. އަބަދު ވަރުބަލިވުމާއި، ހިރުގަނޑުން ލޭއައުން ފަދަ ކަންކަމަކީ ހަށިގަނޑުން އަހަރެމެންނަށް ދޭ މުހިންމު އިންޒާރުތަކެކެވެ.

މިއީ ސަމާލުކަން ނުދީ ދޫ ކޮށްލައިފިނަމަ ފަހުން ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަންކަމެވެ. ފިޓްނަސް ކޯޗެއް ކަމަށްވާ ޑޭން ގޯ ފާހަގަ ކޮށްފައިވާ، ސަމާލުކަން ދޭންޖެހޭ މުހިންމު 7 އިންޒާރެއް ތިރީގައި އެވަނީ އެވެ.

1. އުނަގަނޑުގެ ފުޅާމިން އިސްކޮޅުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުވުން

ބީ.އެމް.އައި އަށް ވުރެ ބޮޑަށް ހަށިގަނޑުގެ މެޓަބޮލިކް ސިއްހަތު އަންގައިދޭ މިންގަނޑަކީ މިއީއެވެ. އުނަގަނޑުގެ ވަށަމިން އިސްކޮޅުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރުނަމަ، އޭގެ މާނައަކީ އެތެރެހަށީގެ ގުނަވަންތަކުގެ ވަށައިގެން ނުރައްކާތެރި ފެޓް ނުވަތަ ސަރުބީ ޖަމާ ވަމުންދާ ކަމެވެ.

2. ދަތްމަހުން ނުވަތަ ހިރުގަނޑުން ލޭއައުން

އާންމުކޮށް ދަތްއުނގުޅާ އިރު ހިރުގަނޑުން ލޭ އައުމަކީ އާދައިގެ ކަމެއް ނޫނެވެ. ދަތްމަހުން ލޭ އަންނަ ނަމަ އެއީ ހަމައެކަނި ބޭނުންކުރާ ބުރުހުގެ މައްސަލައަކަށް ނުވެދާނެ އެވެ. އެއީ ހަށިގަނޑުގެ އެތެރޭގައި އިންފްލެމޭޝަން (ދުޅަވުން) މިންވަރު މަތިވުން ކަމަށް ވެދާނެ އެވެ.

3. ކަރުގައާއި އަތްށުގައި މަސްކޮޅު (އުން) އުފެދުން

މިއީ ހަމައެކަނި ހަމަށް އަންނަ ބަދަލެއް ނޫނެވެ. ޑޭން ގޯ ބުނާގޮތުގައި މިއީ ގިނަ ފަހަރަށް އިންސިއުލިން ރެސިސްޓެންސްއާ ގުޅިފައިވާ ކަމެކެވެ. މީގެ މަސްކޮޅުތައް އިތުރު ވާނަމަ، ލޭގެ ހަކުރުގެ މިންވަރު ޓެސްޓުކުރުން ވަރަށް މުހިންމެވެ.

4. ގޭހުގެ ވަސް މާ ބޮޑަށް ނުބައިވުން

ބައެއް ފަހަރު ގޭސްވުމަކީ އާދައިގެ ކަމެއް ނަމަވެސް، އަބަދުވެސް ބޭރުވާ ގޭހުގެ ވަސް މާބޮޑަށް ނުބައިނަމަ އެއީ ގޮހޮރުގެ ސިއްހަތު ދަށްވުމުގެ އަލާމާތެކެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ކާނާގައި ފައިބާ ހިމެނޭ މިންވަރު މަދުވުމެވެ. ފައިބަރަކީ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ކޮށްދޭ ޖަރާސީމުތަކަށް ބޭނުންވާ މުހިންމު މާއްދާ އެކެވެ.

5. ނިދާއިރު ގުގުރި ދެމުމާއި އަނގައިން ނޭވާލުން

ނިދާއިރު ގުގުރި ދެމުމަކީ ވައިނޮޅީގެ މަސައްކަތް ރަނގަޅު ނޫންކަން ނުވަތަ 'ސްލީޕް އެޕްނިއާ'ގެ އަލާމާތަކަށް ވެދާނެ އެވެ. މީގެ ސަބަބުން ނިދީގެ ފައިދާ ނުކުރުމާއި، ހޯމޯންތަކަށާއި ހަށިގަނޑުގެ ހަކަތައަށް ނޭދެވޭ އަސަރުކުރެ އެވެ.

6. ފުރިހަމަ ނިންޖަކަށްފަހުވެސް ސިކުނޑި ވަރުބަލިވެފައި ހުރުން

ރޭގަނޑު 7 ނުވަތަ 9 ގަޑިއިރު ނިދުމަށްފަހު ހޭލާއިރުވެސް ސިކުނޑި ވަރުބަލިވެފައި ހުންނަނަމަ އެއީ އާދައިގެ ކަމެއް ނޫނެވެ. މިއީ ލޭގެ ހަކުރުގެ މިންވަރު ބަދަލުވުމާއި، ނިދީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ ސިކުނޑިއަށް އަސަރުކުރާ އިންފްލެމޭޝަންގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ.

7. ސިޑިން އަރާއިރު ނުވަތަ ކުޑަކޮށް ހިނގާލާއިރު މާބޮޑަށް ނޭވާ ކުރުވުން

ކުރު ރާސްތާއަކަށް ހިނގާލުން، ބާޒާރުކޮށްގެން ކޮތަޅު އުފުލުން ނުވަތަ ސިޑިން އެރުން ފަދަ ކުދިކުދި ކަންކަން ކުރާއިރު މާބޮޑަށް ނޭވާ ކުރުވާނަމަ، އެއީ ކާޑިއޯވެސްކިއުލޭ (ހިތާއި ލޭ ހޮޅިތަކުގެ) ސިއްހަތު ދަށްކަން އަންގައިދޭ އިންޒާރެކެވެ.

ނޯޓު: މިއީ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ލިޔެފައިވާ ލިޔުމެކެވެ. ސިއްހީ މައްސަލައެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އަބަދުވެސް ޑޮކްޓަރެއްގެ ލަފާ ހޯއްދަވާށެވެ.