ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި އެންމެ ގިނަ ބަޔަކަށް އޮޅުންއަރާ އެއް ކަމަކީ، އިނގިރޭސި ވިލާތް ނުވަތަ ގްރޭޓް ބްރިޓަން އިން އޮލިމްޕިކްސް މުބާރާތްތަކުގައި އެއް ގައުމެއްގެ ގޮތުގައި ވާދަ ކުރި ނަމަވެސް ފީފާ ވޯލްޑް ކަޕް ފަދަ ފުޓްބޯޅަ މުބާރާތްތަކުގައި ވަކިވަކި ގައުމުތަކެއްގެ ގޮތުގައި (އިންގްލޭންޑް، ސްކޮޓްލޭންޑް، ވޭލްސް، އަދި ނޮދަން އަޔަރލޭންޑް) ވާދަކުރާ ސަބަބެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ފުޓްބޯޅަ މުބާރާތްތައް ބަލާއިރު އިންގްލޭންޑް ނުވަތަ ސްކޮޓްލޭންޑަކީ ވަކި ދިދައެއްގެ ދަށުން ވާދަކުރާ ފޯރިގަދަ ދެ ގައުމެވެ. ނަމަވެސް، އޮލިމްޕިކްސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަށް ބަލާލާއިރު މި ގައުމުތަކުގެ އެތުލީޓުން ފެންނަނީ "ޓީމް ޖީބީ" ގެ ނަމުގައި، ޔޫނިއަން ޖެކް ހިފައިގެން އެއް ގްރޫޕެއްގެ ގޮތުގަ އެވެ. މިއީ ކީއްވެ ހިނގާ ކަމެއް ހެއްޔެވެ؟
މިކަމުގެ އަސްލު ގުޅިފައިވަނީ ކުޅިވަރުގެ ދެ ޖަމްއިއްޔާ ކަމަށްވާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއާއި ފީފާ އުފެދިގެން އައި ތާރީހާ އެވެ.
1. ފުޓްބޯޅައިގެ ތާރީހު
ފީފާއަށްވުރެ ކުރިން ގައުމުތައް އުފެދުންމިޒަމާނުގެ ފުޓްބޯޅައިގެ ގަވާއިދުތައް ހަދައި، އެންމެ ފުރަތަމަ ރަސްމީ ފުޓްބޯޅަ އެސޯސިއޭޝަންތައް އުފެދުނީ 19 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސިވިލާތުގަ އެވެ. ދުނިޔޭގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗު 1872 ގައި ކުޅުނީ އިންގްލޭންޑާއި ސްކޮޓްލޭންޑުގެ މެދުގަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ ފީފާ އުފެދުނީ އޭގެ މާ ފަހުން، 1904 ގައެވެ. ފީފާ އުފެދުނުއިރު ޔޫކޭގެ ހަތަރު ގައުމުގައި (އިންގްލޭންޑް، ސްކޮޓްލޭންޑް، ވޭލްސް، ނޮދަން އަޔަރލޭންޑް) ވަކިވަކި އެސޯސިއޭޝަންތަކާއި ވަރުގަދަ ލީގުތައް އޮތެވެ. އެހެންކަމުން ފީފާއިން ޖެހުނީ އެ ގައުމުތަކުގެ ތާރީހަށް އިހުތިރާމްކޮށް، އެއީ ފުޓްބޯޅައިގެ ވަކި "ގައުމުތަކެއް" ގެ ގޮތުގައި ބަލައިގަންނާށެވެ. މި ސަބަބަށްޓަކައި ވޯލްޑް ކަޕްގައި އެމީހުންނަށް ވަކިން ވާދަކުރެވެ އެވެ.
2. އޮލިމްޕިކްސްގެ ގަވާއިދު: ސިޔާސީ މިނިވަން ދައުލަތްތައް އެކަނި
އޮލިމްޕިކްސް ބާއްވާ އައި.އޯ.ސީގެ ގަވާއިދުތައް މާ ހަރުކަށިވެ އެވެ. އޮލިމްޕިކް ޗާޓަރު ބުނާގޮތުން، އޮލިމްޕިކްސްގައި ބައިވެރި ވެވޭނީ އދ.އިން ބަލައިގަންނަ، ސިޔާސީގޮތުން މިނިވަން ސަރުކާރެއް އޮންނަ "މުސްތަގިއްލު ދައުލަތްތަކަށް" އެކަންޏެވެ.
އިންގްލޭންޑް، ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަރލޭންޑަކީ އަމިއްލަ ސަގާފަތާއި ބައެއް ދާހިލީ ބާރުތައް އޮތް ތަންތަން ނަމަވެސް، ސިޔާސީ ގޮތުން އެއީ ވަކި މިނިވަން ދައުލަތްތަކެއް ނޫނެވެ. އެއީ އިނގިރޭސި ވިލާތުގެ ގޮފި ތަކެކެވެ. އެހެންކަމުން، އޮލިމްޕިކްސްގައި ވާދަކުރަން ޖެހެނީ މުޅި އިނގިރޭސި ވިލާތް ތަމްސީލުކޮށްދޭ "ގްރޭޓް ބްރިޓަން އެންޑް ނޮދަން އަޔަރލޭންޑް އޮލިމްޕިކް ކޮމިޓީ"ގެ ދަށުންނެވެ.
އޮލިމްޕިކްސްގައި ފުޓްބޯޅަ ޓީމެއް ނޯންނަނީ ކީއްވެ؟
މި ސަބަބާ ހުރެ އޮލިމްޕިކްސްގެ ފުޓްބޯޅަ މުބާރާތުން ގްރޭޓް ބްރިޓަންގެ ޓީމެއް ފެނުން ވަރަށް މަދެވެ. (އެންމެ ފަހުން ފިރިހެން ޓީމެއް ވާދަކުރީ 2012 ގެ ލަންޑަން އޮލިމްޕިކްސްގައެވެ).
ވަކި ޓީމެއް ނުހަދާ މައިގަނޑު ސަބަބަކީ ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަރލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ބިރެކެވެ. އެމީހުން ބިރުގަންނަނީ އޮލިމްޕިކްސްގައި "ބްރިޓިޝް" އެއް ޓީމެއްގެ ގޮތުގައި ގަވާއިދުން ކުޅެން ފަށައިފިނަމަ، ފީފާގެ ދަށުން އެމީހުންނަށް ލިބިފައިވާ ވަކި ގައުމެއްގެ މަގާމު ގެއްލި، މުސްތަގުބަލުގައި ވޯލްޑް ކަޕްގައިވެސް އެއް ޓީމެއްގެ ގޮތުގައި ކުޅެން ފީފާއިން މަޖުބޫރު ކޮށްފާނެތީ އެވެ.
ކުރުކޮށް ބުނާނަމަ، ފީފާއިން ބަލަނީ ފުޓްބޯޅައިގެ ސަގާފީ ތާރީހަށެވެ. އެހެން ކަމުން ވޯލްޑް ކަޕްގައި އެއީ ހަތަރު ގައުމެވެ. ނަމަވެސް އޮލިމްޕިކްސްއިން ބަލަނީ ސިޔާސީ ޗާޓަށެވެ. އެހެންކަމުން އޮލިމްޕިކްސްގައި އެއީ އެންމެ ގައުމެކެވެ.
އުފާވެރި ދިރިއުޅުމަކަށް އަމިއްލައަށް ދަސްކުރަން ޖެހޭ ހުނަރުތަކެއް
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
ހާލަންޑްގެ ދެ ލަނޑާއެކު ބްރެޒިލް ކަޓުވާލައި، ނޯވޭ ކުއާޓާ އަށް