އަހަރު ތެރޭގައި ކޮންމެ މީހަކު ވެސް އެންމެ އިންތިޒާރު ކުރާނެ އެއް ދުވަހަކީ އެ މީހެއްގެ އުފަން ދުވަހެވެ. އެއީ އާއިލާއާއި ރަޙުމަތްތެރިންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ބުރަ ދިރިއުޅުމުން ވަގުތުކޮޅެއް ހޯދައިގެން އެ ދުވަސް ކުޑަ ގޮތަކަށް ނަމަވެސް ފާހަގަ ކޮށްލުމަކީ ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. އެއްބަޔަކު ގޭގައި ކުޑަ ހަފުލާއެއް ރާވައި ގާތް ރަޙުމަތްތެރިންނަށް ދައުވަތު ދޭއިރު އަނެއް ބަޔަކަށް ކަމުދަނީ ރެސްޓޯރެންޓަކުން އާއިލާ އާއެކު ރޭގަނޑުގެ ކެއުމަކަށް އިންސާފު ކޮށްލުމެވެ.
މި ސަގާފަތް އެންމެ އާއްމުވެފައި އޮތީ މުޖުތަމަޢުގެ ޒުވާނުންގެ މެދުގަ އެވެ. ނަމަވެސް ޒުވާނުންގެ ތެރޭގައި އުފަން ދުވަސް ފާހަގަ ކުރާގޮތް ކޮންމެވެސް ވަރަކަށް ތަފާތެވެ. އަމިއްލައަށް އުފަން ދުވަސް ފާހަގަކުރުމުގެ ބަދަލުގައި ޒުވާނުންގެ ތެރޭގައި މަގުބޫލްވެފައި ވަނީ އެއްކޮށް އުޅޭ އެންމެ ގާތް ރައްޓެހިން ރާވައި ދޭ " ސަޕްރައިޒް ޓްރީޓް " އެވެ. އެގޮތުން އެކީގައި އުޅޭ ރައްޓެއްސެއްގެ އުފަން ދުވަސް ކައިރިވާ ނަމަ އެންމެ ފުރަތަމަ ވެސް ކުރާ ކަމަކީ ވައިބާ ނުވަތަ މެސެންޖާ ގްރޫޕެއް ހެދުމެވެ.
އެންމެ ގާތް އެކުވެރިން ގުރޫޕަށް ހަމަވުމުން އުފަން ދުވަހުގެ ސައްލާތައް ފެށެ އެވެ. ޕާޓީ އޮންނާނެ ތަނާއި ގަޑި އެވެ. ޕާޓީގެ ތީމާއި ކުލަ އެވެ. އޯޑަރުކުރާނެ ކޭކަކާއި އިންސާފު ކުރާނެ ކާއެއްޗެއްސެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެކުވެރިޔާއަށް އެންމެ ފުރިހަމަ ސަޕްރައިޒެއް ދިނުމަށްޓަކައި ޖާނާއި މާލުން ގުރުބާންވެ އެވެ. ޖީބުން އެތައް ޚަރަދުތަކެއް ހޭދަވެ އެވެ. އެހެން އުޅުމުގެ ތެރޭގައި އެކުވެރިޔާއަށް އުފަން ދުވަހުގެ ރޭވުންތައް އެނގި ހާމަވާ ފަހަރު ވެސް އާދެ އެވެ.
ކޮންމެއަކަސް އެތައް މަޝްވަރާތަކަކަށް ފަހު އެ ދުވަސް ޖެހުމުން ހިތުގެ ތެޅުން އަވަސްވެ އެވެ. ރޭވުމާއި އެއްގޮތަށް ހުރިހާ ކަމެއް ހިންގުމުގެ ނުތަނަވަސްކަން ހިތަށް ވެރިވެގަނެ އެވެ. ހިތަށް ހަމަޖެހުމެއް ލިބެނީ އެކުވެރިޔާގެ އުފާވެރި މޫނު ފެނުމުންނެވެ. ކުރި ބުރަ މަސައްކަތުގެ އަގު ލިބުނުކަމުގެ އިޙުސާސް ކުރެވެނީ އެކުވެރިޔާގެ ހިނިތުންވުމުންނެވެ. ކޮންމެއަކަސް އެތައް ދުވަހެއްގެ ރޭވުމަކަށްފަހު އެކުވެރިންނާއެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވުނީތީ އުފާވެ އެވެ. އެ ބައްދަލުވުން ނިންމާލަނީ ދެން ގްރޫޕުގައި އެންމެ އަވަހަށް އަންނަ އުފަން ދުވަހުގެ ރޭވުންތައް ހިތަށް ސިފަކުރަމުންނެވެ.
ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން އުފެދޭ ސުވާލަކީ އުފަން ދުވަސްތަކުން ލިބޭ ދިރިއުޅުމުގެ ފިލާވަޅުތައް ޒުވާނުންނަށް މޭރުން ވޭބާވަ އެވެ. ކޮންމެ އުފަން ދުވަހަކާ އެކު ފާއިތުވެގެން އެދިޔައީ އުމުރުން އެއް އަހަރެވެ. މަރާ ތިބާ ބައްދަލު ކުރަންޖެހޭ ވަގުތު ކައިރިވާކަން އުފަން ދުވަސްތައް ހަނދާން ކޮށްދެ އެވެ.
އުފަން ދުވަސް ފާހަގަކުރުމުގައި މަސްއޫލުވެ އުޅޭއިރު މިކަންކަން ވިސްނެނީ ކިތައް ޒުވާނުންނަށްތޯ އެވެ. އުފަން ދުވަސްތަކުން ލިބިދޭ އިބުރަތްތައް ހާސިލުކުރެވެނީ ކިތައް ޒުވާނުންނަށްތޯ އެވެ. ވިސްނަންވީ ވަގުތު ފާއިތު ނުވަނީސް ހެޔޮމަގަށް ރުޖޫއަވެ ހެޔޮ އަމަލުތައް ގިނަ ކުރާށެވެ. އަމާޒު ހިފަންވީ އުމުރުގެ ބާކީ އޮތް ދުވަސްތައް ހެޔޮ ގޮތުގައި ބޭނުން ކުރާށެވެ.