ޏ. ފުވައްމުލަކުގެ ބޮޑު ބައެއްގައި ފެންބޮޑުވެ ރައްޔިތުން ހާލުގައި ޖެހިފައިވާތާ ހަ ދުވަސް ފަހުން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް ސަރުކާރުން ޕަމްޕުތަކެއް ފޮނުވަން ނިންމާފައިވާ ކަމަށް ކަމަށް ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ ފުވައްމުލަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އެންޑީއެމްއޭ އިން، ފެން ހިންދާ ފަސް ޕަންޕާއި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއް ޕަންޕު ފޮނުވާނެ ކަމަށެވެ. އަދި މި ތަކެތި މިރޭ އެ ރަށަށް ގެންދާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ދިޔަ އަހަރު ވެސް ފެން ހިންދާ ހަތަރު ޕަންޕެއް ފުވައްމުލަކު ކައުންސިލާ ހަވާލުކުރި ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގެ ނަރުދަމާ ނިޒާމު ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށާއި އަދި އެކަން ފެނަކަ ކޯޕަރޭޝަންގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ.
"މިކަމުގައި ދާއިމީ ހައްލެއް ލިބޭނީ ރަނގަޅު ފެން ހިންދާ ނިޒާމެއް ބެހެއްޓިގެން،" މަބްރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދާ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމު މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަދި އަންނަ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ.
ފުވައްމުލަކުގައި ރަށު ތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރު ޖުލައި މަހުގަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން އެ ސިޓީގެ 31 މަގެއް ހަދަން ވަނީ ހަވާލުކޮށްފަ އެވެ. އަދި ފެން ހިންދާ ނިޒާމެއްގެ މަސައްކަތް ކުރުމަށް ވެސް އޮތީ ހަވާލުކޮށްފަ އެވެ.
އެ ސިޓީގެ މަގުތަކުގައި ފެންބޮޑުވެ، ހާލަތު މިހާ ގޯސްވީ، އެ ރަށުގެ ބައެއް މީހުން ބުނިގޮތުގައި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ ސަބަބުންނެވެ. އެމްޓީސީސީން އެ މަސައްކަތް ކުރަނީ ވާރޭވެހިގެން ބޮޑުވާ ފެން ރަށުން ބޭރުކުރެވޭނެ އިންތިޒާމެއް ވަގުތީ ގޮތުން ހަމަޖައްސައި ނުދީ ކަމަށާއި އެހެންވެ ރަށުގައި ފެން ހިންދަން ކުރިން ހެދި ކާނުތައް ބެދިފައި ހުރުމުގެ ސަބަބުން ފެން ނުހިނދި ގިނައިރު ވެފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ވާރެ ވެހި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ އަދި ގޭގެއަށް ފެންވަދެ ނުހިނދި އޮންނަތާ މިއަދަށް މިއީ ހަ ވަނަ ދުވަހެވެ.